ދުނިޔޭގެ ވިޔަފާރި

ހަރަދުތައް ކުޑަކުރުމަށް ނެޓްފްލިކްސްއިން މުވައްޒަފުން މަދުކުރަނީ


ހަރަދުތައް ކުޑަކުރުމުގެ ގޮތުން ނެޓްފްލިކްސްއިން 150 މީހުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސްއަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ވަނީ ގެއްލިފައެވެ. އާއެކު އެކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އެންމެ ގިނަ އަދަދަކަށް ވަޒީފާތައް މަދުކުރަން ނިންމާފައިވަނީ ނެޓްފްލިކްސްގެ އެމެރިކާގެ އޮޕަރޭޝަންތަކުންކަމަށް ޙަބަރުތައް ބުނެއެވެ. ނެޓްފްލިކްސްގެ މާކެޓު ވެލިއު މިމަހުގެ ތެރޭގައި ވަނީ 60 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. އަދި މިއާއެކު އިންވެސްޓަރުންދަނީ ނެޓްފްލިކްސްގެ ކުރިމަގާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނެޓްފްލިކްސްއަށް ސަބްސްކްރައިބްކުރާ މީހުންގެ އަދަދު ދަށަށް ދިޔައިރު މިއީ ފާއިތުވީ 10 އަހަރުތެރޭ މި އަދަދު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ނެޓްފްލިކްސްގައި ފުލްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ 11300އެވެ. އެހެންކަމުން އެކުންފުނިން ވަޒީފާއިން ވަކި ކުރަން ނިންމާފައިވަނީ މުވައްޒަފުންގެ 1.3 އިންސައްތައެވެ. މިދިޔަމަހުވެސް ނެޓްފްލިކްސްއިންވަނީ 25 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.

މިހާރު 221.6 މިލިއަން ސަބްސްކްރައިބަރުން ތިބި ނެޓްފްލިކްސް އިން ބުނީ މި ހިނގާ ކުއާޓަރުގައިވެސް މެމްބަރުންގެ އަދަދު ދަށަށްދާނެކަމަށެވެ. އެގޮތުން 2 މިލިއަން ސަބްސްކްރައިބަރުން ނެޓްފިލްކްސް ދޫކޮށްލާނެކަމަށް އެކުންފުނިން ލަފާކޮށްފައިވެއެވެ.

މި އަޑިގަނޑު ސަލާމަތްވުމަށް ނެޓްފްލިކްސްގެ މިހާރު ވިސްނުންހުރީ އިޝްތިހާރު އެކުލެވޭ ޕްލޭންތައް އަގުހެޔޮކޮށް ވިއްކުމަށާއި، ޝެއަރކުރާ އެކައުންޓުތަކުން އިތުރު ފީއެއް ނެގުމަށެވެ.

ނެޓްފްލިކްސް އިން ބުނީ ޚިދުމަތުގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް ގޭބިސީތަކުން އެކައުންޓް ޝެއަރ ކުރާތީ އާމްދަނީއަށް ބޮޑު އަސަރެއް ކުރާކަމަށެވެ.