ޚަބަރު

ބ.ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމިއްޖެ


ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މިމަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށް 2019ވަނަ އަހަރުއެވެ. މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަދުވަހުއެވެ.

ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން އެރަށުގައި ފެނުގެ ޚިދުމަތަށް ބޭނުންވާ އާރުއޯބިލްޑިންގް ޤާއިމްކޮށް ޕްލާންޓްތައް އިންސްޓޯލްކޮށް ފެންރައްކާ ކުރުމަށް ތާނގީވަނީ ބަހައްޓާފައެވެ. މިމަޝްރޫޢުގެ ދަށުން 15.9 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް އެރަށުގައި ވަނީ އަޅާފައެވެ. މީގެ އިތުރުން ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ ފެންމީޓަރާ އިސްކުރު ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ވާރޭފެން ނެގުމަށް ވަކިން ހޮޅިލައިނެއްވެސް ވަނީ އަޅާފައެވެ.

ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ގޮއިދޫގައި މަގުތަކަށް ޖަންކްޝަންތައް ފައްތާ ގެތަކަށް ކަނެކްޝަންވަނީ ގުޅާދީފައެވެ. އަދި 8.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއްވެސް ވަނީ އެރަށުގައި ޤާއިމްކޮށްފައެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަަސައްކަތް އެންމެ ފުރަތަމަ ފެށި ދުވަހު ދެޚިދުމަތުންވެސް 153 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައި އޮތްނަމަވެސް އެއަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފެނުގެ 161 ކަނެކްޝަނާއި، ނަރުދަމާ 163 ކަނެކްޝަން ގުޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ޓީމަކުންވަނީ ގޮއިދޫއަށް ޒިޔާރަތްކޮށް އެމަސައްކަތް ބަލާފައެވެ. އަދި ފެން ތަހުލީލް ކޮށް ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ވަނީ ޗެކްކޮށްފައެވެ.

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއެކު އާބާދީގައި އައްސަތޭކަ މީހުން ދިރިއުޅެމުންދާ ގޮއިދޫގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަށް މިވަނީ ހައްލު ހޯދިފައެވެ. މިހާރު އެރަށު ރައްޔިތުން ތިބީ މިޚިދުމަތް ރަސްމީކޮށް ލިބޭނެދުވަހެއްގެ އިންތިޒާރުގައެވެ. ގޮއިދޫ ކައުންސިލުން ބުނީ މަހެއްހާދުވަސް މިކަމަށް ހޭދަވާނެކަމަށެވެ.
މިމަސައްކަތަށް ރަށުގެ ކައުންސިލާ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.