ޚަބަރު

ތިނަދޫން މީހުން ބޭލި ހާދިސާ: ހުށަހެޅުނު މައްސަލަތަކުގެ ބަޔާންތައް ނަގާ ނިމިއްޖެ


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާގައި ވަކިވަކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ބަޔާންތައް ނަގައި ނިމިފައިވާ ކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިދާޅުވެއްޖެއެވެ.

1962 ވަނަ އަހަރު ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެހާދިސާގައިި އަސަރުކުރި ބައެއް މީހުންގެ ބަޔާންތައްވެސް ވަނީ ނަގާފައެވެ. އޭގެތެރޭގައި ވަކިވަކި މީހުން ހުށަހެޅި މައްސަލަތަކާއި، ކައުންސިލުން ހުށަހެޅި މައްސަލަތަކުގެ އަޑު އެހުންތައް ހިމެނެއެވެ. އެގޮތުން މިމައްސަލައިގެ އަޑުއެހުންތައް ތިަދޫގައިވެސްވަނީ ބާއްވާފައެވެ. އަދި މާލޭގައި އަޑު އެހުމެއް ބޭއްވުމަށް ތާވަލް ކުރި ނަމަވެސް އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުން އަޑު އެހުން ވަނީ ފަސްކޮށްފައެވެ.

މިމައްސަލާގައި ބާއްވާ ޕަބްލިކް ހިއަރިންގތަކަކީ އޯ.ޓީ.ޖޭ އިން ބަލާ މައްސަލަތަކުގައި އިތުރު ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ އޮފީހުގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ޢާންމުންނާ ޙިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޢާންމުންނަށް ހުޅުވާލައިގެން ނުވަތަ ހުޅުވާނުލައި ބާއްވާ އަޑުއެހުންތަކެކެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.