ރިޕޯޓް

އޭދަފުށި ނިކުންނަނީ ރަށުގެ ނަން ދަމަހައްޓަން


މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާ 4 ޓީމަށް ބަލާއިރު އެންމެ ޕްރެޝަރ ބޮޑު ޓީމަކީ ބ.އޭދަފުށި ފުޓްބޯޅަ ކްލަބެވެ. ފުޓްބޯޅައިގައި އެރަށުގެ ނަން ބޮޑެވެ. ތާރީޚްގެ ޞަފްޙާތައް ގިނައެވެ. ކާމިޔާބުގެ ތިލަފަތް ބަރެވެ. ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ތިލަފަތްވެސް އެތައް ތަނަކުން ބަރެވެ.އޭދަފުއްޓަކީ ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުޓްބޯޅައިގެ ގަދަބާރެކެވެ. މިއަދުވެސް އެއް ރަށަކަށް އެންމެ ގިނަ ޤައުމީ ފެންވަރުގެ އަދި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ނިސްބަތްވާ ރަށަކީ އޭދަފުއްޓެވެ. މިއީ އޭދަފުއްޓަށް އޮތް ޕްރެޝަރެވެ. އޭދަފުށީގެ މުޅި ޓީމާއި، ރައްޔިތުންގެ އިތުރުން ކޯޗިންގ ޓީމުންވެސް އެކަން ޤަބޫލުކުރެއެވެ." އަޅުގަނޑުމެން ނިކުންނަނީ އޭދަފުށީގެ ނަން ދަމަހައްޓަން. އަޅުގަނޑުމެން މިތިބީ ސެމީފައިނަލަށް ތައްޔާރަށް. ހަމައެކަނި މައްސަލައަކީ ސެމީފައިނަލްގައި ވާދަކުރަންޖެހޭ ފަރެސްމާތޮޑާގެ ކުޅުން ފެނިފައި ނެތުން. އެޓީމްގެ ފެންވަރު ނޭންގުން." އޭދަފުށި ފުރަތަމަ ޑިވިޝަންގައި ވާދަކުރިއިރު ޓީމްގެ ކެޕްޓަން އަބުދުލްމަޖީދު ހަސަން ބުންޏެވެ. އޭނާއަކީ މިހާރު ޓީމްގެ އެސިސްޓެންޓް ކޯޗެވެ.އޭދަފުށި ސެމީއަށް ނިކުންނައިރުވެސް ޓީމް ބިނާވަނީ ރަށު ކުޅުންތެރިންނަށެވެ. އެއަތޮޅު ގޮއިދޫގެ ދެ ކުޅުންތެރިންނާއި، ފުޅަދޫގެ ކުޅުންތެރިއެއްގެ އިތުރުން ރަށުން ބޭރުން ހިމެނެނީ ނ.ހޮޅުދޫގެ ކުޅުންތެރިއަކާއި، ސ.ފޭދޫގެ ކުޅުންތެރިއެކެވެ. މިދެކުޅުންތެރިންނަކީވެސް ބ.އަތޮޅުގެ މުބާރާތްތަކުގައި ޤަވާއިދުން ކުޅެމުން އަންނަ ދެކުޅުންތެރިންނެވެ. އެހެންކަމުން އެރަށުގެ މީހުން ދެކެނީ އެއީ އޭދަފުށީގެ ދެކުޅުންތެރިންކަމުގައެވެ.ޓީމް ލީޑްކުރާނީ ކެޕްޓަން އަބުދުލްމަޖީދުއެވެ. އޭނާއަކީ ޓީމްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. އޭދަފުށީގެ ހުރިހާ ކުޅުންތެރިންގެވެސް އިހްތިރާމް ލިބިފައިވާ ލީޑަރޝިޕްހުރި މޮޅު ކުޅުންތެރިއެކެވެ. މީގެއިތުރުން އަލީ ފާސިރު ( ސެންޓޭ ) ގެ ބޭބެ މުޙައްމަދު ފާސިރަކީވެސް ޓީމްގެ މުޙިއްމު ކުޅުންތެރިއެކެވެ. ދެން ހުރީ އޭދަފުށްޓާއި މުޅި އަތޮޅުގެވެސް " ސައްޓު " އެވެ. ޓީމްގައި ޒުވާން ކުޅުންތެރިން ގިނައެވެ.ތިންވަނަ ބުރުގެ މެޗުތައް ކުރިއަށްދާއިރު އޭދަފުށި މުބާރާތުގައި އަދި ބައްޔެއްނުވެއެވެ. ނަމަވެސް ސެމީފައިނަލް އެންމެފަހުން ކަށަވަރުވި ޓީމަކީ އޭދަފުއްޓެވެ. ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން އައްޑޫ ސިޓީއަށް ހަމަވީ މިރޭ ދަންވަރުއެވެ. އެހެންކަމުން އެއް ޕްރެކްޓިސްއަށްފަހު ހޮނިހިރު ދުވަހު ސެމީފައިނަލް މެޗަށް ނިކުންނަންޖެހެއެވެ. ސެމީގައި އޭދަފުށި ވާދަކުރަންޖެހޭ ފަރެސްމާތޮޑާ ގްރޫޕް ސްޓޭޖްގެ މެޗުތައްވެސް ކުޅުނީ އައްޑޫ ސިޓީގައެވެ. މިއީ އޭދަފުއްޓަށް އޮތް ނުތަނަވަސްކަމެކެވެ. ދަނޑަށް ފަރެސްމާތޮޑާ މިހާރު ފަރިތައެވެ. ހޮނިހިރު ދުވަހު ހަވީރު އައްޑޫ ސިޓީގައި ކުޅޭ ސެމީފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ ވާދަވެރި މެޗަކަށްވާނެއެވެ.ޓީވީއެމްގެ ޒަރީޔާއިން މުޅި އޭދަފުއްޓާއި، ފަރެސްމާތޮޑާ މެޗު ބަލާނެއެވެ. އެދެއަތޮޅާއި ޒޯންގެ ގިނަ ރައްޔިތުންވެސް ތިބީ މެޗުގެ ޝައުޤުވެރިކަމުގައެވެ. ކަނޑުމަތީގައި ތިބި މަސްވެރިންނާއި، ދަތުރުވެރިން ތިބީ ދިވެހިރާއްޖޭގެ އަޑުން މެޗު ހިނގަމުންދާގޮތް އަޑުއެހުމަށް ތައްޔާރުވެގެންނެވެ. މެޗު ފަށާނީ 15:45 ގައެވެ.