ޚަބަރު

ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޓީޓީޕީ ޙަމަލާބަދަލުކުރުން މެދުކަނޑާލައިފި


ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ޙަރަކާތްތެރިވާ ތަޙުރީކީ ޠާލިބާން ޕާކިސްތާނު، ޓީޓީޕީއާ ދެމެދު ޙަމަލާބަދަލުކުރުން މެދުކަނޑާލައިފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޓީޓީޕީއާ ދެމެދު ޙަމަލާބަދަލުކުރުން މެދުކަނޑާލާފައިވަނީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނު ޖަމާޢަތުން މެދުވެރިއެއްގެ ދަޢުރުޢަދާކޮށްގެންނެވެ. އެ ޖަމާޢަތުން ބުނެފައިވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޓީޓީޕީއާ ދެމެދު ބޭއްވި ވާހަކަތަކަށްފަހު މެއި މަހުގެ 30ވަނަ ދުވަހާ ހަމައަށް ޙަމަލާބަދަލުކުރުން މެދުކަނޑާލަން އެއްބަސްވެފައިވާކަމަށެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާބަދަލުކުރުން ހުއްޓާލުމަށް މިދިޔަ އަހަރުގެ ތެރޭގައިވެސް މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް ޕާކިސްތާނުން ހައްޔަރުކޮށްފައިވާ ޓީޓީޕީގެ ހަނގުރާމަވެރިން މިނިވަންކުރަން ދެކޮޅުހެދުމުން އެ މަޝްވަރާތައް ކާމިޔާބެއްނުވިއެވެ.

ޓީޓީޕީއަށް އަފްޣާނިސްތާނުން އެއްބާރުލުމާއި ރައްކާތެރިކަން ފޯރުކޮށްދޭކަމަށް ޕާކިސްތާނުން އަބަދުވެސް ތުޙުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުގައި ކުރިން އެމެރިކާއިން ވާގިވެރިވި ސަރުކާރުންނާއި އޭގެ ފަހުން ޠާލިބާނުންވެސްވަނީ އެ ތުޙުމަތުތައް ދޮގުކޮށްފައެވެ.

2007ވަނަ އަހަރުން ފެށިގެން ޓީޓީޕީންވަނީ ޕާކިސްތާނުގައި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޖަމާޢަތާ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންނާ ގުޅުމެއް ނޯވެއެވެ. ނަމަވެސް ޓީޓީޕީންވަނީ ޠާލިބާނުންނާ ބައިޢަތު ހިފައިފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޓީޓީޕީއާ ދެމެދު ޙަމަލާބަދަލުކުރުން މެދުކަނޑާލާފައިވަނީ އެ ޤައުމުން ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކުން އެ ޤައުމުގެ ބަލޫޗިސްތާނުގައި ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދުވަސްވަރެއްގައެވެ.