ކުޅިވަރު

ފްރެންކްފަޓުން 42 އަހަރަށްފަހު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި


ޕެނަލްޓީ ޖަހައިގެން ސްކޮޓްލެންޑުގެ ރޭންޖާސް ބަލިކޮށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓުން ހޯދައިފިއެވެ.

ސްޕެއިންގެ ސެވީލްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފްރެންކްފަޓް ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، ފުރިހަމަ ވަގުތުގައި ދެ ޓީމުން ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ފްރެންކްފަޓުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖޯ އަރީބޯ ވަނީ ރޭންޖާސްއަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި ފްރެންކްފަޓަށް ނަތީޖާ އެއްވަރުކޮށްދިނީ ފިލިޕް ކޮސްޓިޗް ދިން ބޯޅައަކުން ރަފައެލް ސަންޓޯސް ބޯރޭއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، އެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ދެ ޓީމުން ފޮނުވާލި ޖުމްލަ 10 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ރޭންޖާސްގެ އާރޮން ރަމްސޭ ފޮނުވާލި ޕެނަލްޓީއެވެ. އެގޮތުން ރަމްސޭ ފޮނުވާލި ޕެނަލްޓީ ފްރެންކްފަޓުގެ ގޯލްކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ފްރެންކްފަޓުން ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު، ޔޫރަޕުގައި މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. މިއީ 1980 ވަނަ އަހަރު ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) ކާމިޔާބުކުރި ފަހުން، ފްރެންކްފަޓަށް ޔޫރަޕުގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ.