ޚަބަރު

އެމްއެމްޕީއާރުސީއިން އެމެރިކާ މާކެޓަށް އަމާޒުކޮށް ވެބިނާއެއް


އެމްއެމްޕީއާރުސީއިން އެމެރިކާ މާކެޓަށް އަމާޒުކޮށް ވެބިނާއެއް ބާއްވައިފިއެވެ.

'ހައި އެންޑު އެޑްވެންޗާސް – ދަ މޯލްޑިވްސް އެވެއިޓްސް/ ޔޫއެސްއޭ 2022' ގެ ނަމުގައި ބޭއްވި ވެބިނާގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ތަމްރީންކޮށް ރާއްޖޭގެ ހައި- އެންޑު ތަޖުރިބާތައް އިޝްތިހާރުކުރުމެވެ. މި ވެބިނާއަކީ މިއަހަރު އެމެރިކާ މާކެޓަށް އަމާޒުކޮށް ބޭއްވި އެންމެ ފުރަތަމަ ވެބިނާއެވެ. އެމްއެމްޕީއާރްސީގެ އިތުރުން، އެއް ގަޑިއިރުގެ މި ވެބިނާގައި ޔޮޓް މޯލްޑިވްސް، މޫވެންޕިކް ރިސޯޓު ކުރެދިވަރު މޯލްޑިވްސް އަދި ކްރޮސްރޯޑްސް މޯލްޑިވްސްއިން ބައިވެރިވިއެވެ.

މި ވެބިނާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވަނީ ވާހަކަދައްކަވާފައެވެ. ޠައްޔިބުވަނީ ރާއްޖެއާއި އެމެރިކާ މާކެޓާ ދެމެދު އޮންނަ ދުވަސްވީ ގުޅުމުގެ މުހިންމުކަމާއި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ހާސިލްކޮށްފައިވާ އެވޯޑުތަކާއި ކާމިޔާބީތަކުގެ މައްޗަށް ވާހަކަދައްކާފައެވެ.

މި ވެބިނާގައި އެމްއެމްޕީއާރުސީން ކޯވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ރާއްޖެއާ ބެހޭ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓު، ގެސްޓުހައުސް، ލިވަބޯޑު އަދި ހޮޓާތަކާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް ހިމެނޭ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނެއްވަނީ މި ވެބިނަރގައި ދައްކާފައެވެ.

މި ސެޝަންގައި އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވި ޓްރެވަލް ޓްރޭޑްގެ ފަރާތްތަކާއި ބައްދަލުކޮށް ކޮންމެ ތަނަކުން ދޭ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދީފައެވެ. މިވެބިނާ އަކީ ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީތައް އިޝްތިހާރުކޮށް، އެމެރިކާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތެރިވާ ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.

100އަށް ވުރެ ގިނަ އެމެރިކާ ޓްރެވަލް ޓްރޭޑު ޕްރޮފެޝަނަލުން ރަޖިސްޓްރީކޮށްފައިވާ މި ވެބިނާގައި ރާއްޖެއާ ބެހޭ ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

އެމެރިކާއަކީ މިދިޔަ އަހަރުތެރޭ ރާއްޖެއަށް 5ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެޤައުމުން ރާއްޖެއަށްވަނީ 55780 ފަތުރުވެިރން ޒިޔާރަތްކޮށްފައެވެ. މިއީ 2020ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 19759 ފަތުރުވެރިންނާއި އަޅާ ބަލާއިރު 182 އިންސައްތަ އިތުރު އަދަދެކެވެ.