ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންއަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި


އަންނަ ޖޫން މަހަށް ތާވަލުކޮށްފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކުރުމަށް ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށްގެން އުޒްބެކިސްތާންގައެވެ.

އެއާއެކު ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފެށި ނަމަވެސް، ގައުމީ ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިން މިވަގުތު ތިބީ އޭއެފްސީ ކަޕް ކުޅުމަށް އިންޑިއާގެ ކޮލްކަތާގައެވެ. އެ މުބާރާތަށްފަހު މާޒިޔާގެ ކުޅުންތެރިން ގައުމީ ޓީމާ އެންމެ އަވަހަށްވެސް ގުޅޭނީ މި މަހު 25 ވަނަ ދުވަހެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ މިފަހަރުގެ ސްކޮޑުން އައު ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސްގެ ޒުވާން ފޯވާޑް ޒައިން ޒަފަރާއި، އެ ޓީމުގެ ޑިފެންޑަރު ހުމެއިދު ހުސެއިން އާއި ކުލަބު ވެލެންސިއާގެ ޑިފެންޑަރު އަޙްމަދު ސިޒާން (ސިއްޕެ) އެވެ. މީގެ އިތުރުން އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފުވެސް އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ކޯޗު މޮރިއޭރޯ އަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިންގައި ރާއްޖެ އޮތީ އުޒްބެކިސްތާނާއި ތައިލެންޑް އަދި ސްރީ ލަންކާއެކު އެއް ގްރޫޕެއްގައެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ އަށްވަނަ ދުވަހު ނުކުންނާނީ ތައިލެންޑާއި ދެކޮޅަށެވެ. އަދި ޖޫން މަހުގެ 11 ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި ޖޫން މަހުގެ 14 ވަނަ ދުވަހު ކުޅޭނީ ލަންކާއާ ދެކޮޅަށެވެ.