ކުޅިވަރު

މާޒިޔާ އަތުން ބަޝުންދަރާއަށް ހަނި މޮޅެއް


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ޑީގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ އިންޑިއާގެ ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަޝުންދަރާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ބަޝުންދަރާއިން ވަނީ ފުލުފުލުގައި މާޒިޔާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުގެ ސޮހެލް ރަނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން މާޒިޔާގެ ސެއިންޓް ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ސްޓެވާޓް ފޮނުވާލި އިތުރު ހަމަލާއެއް ބަޝުންދަރާގެ ގޯލްކީޕަރު އަނީސުއް ރަޙްމާން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ބަޝުންދަރާއިން ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނުހާ މޮރޮންއެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ބަޝުންދަރާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އާއި ސްޓެވާޓް އަދި ހަމްޒާ މުޙައްމަދު (ހަމްޕު) އަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ބަޝުންދަރާއިންވެސް ވަނީ ކައުންޓާ އެޓޭކުގައި ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އެގޮތުން ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ މިގޭލް ޕެރޭރާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މާޒިޔާގެ ކީޕަރު ކިރަން ކުމާރެވެ.

މި މެޗުން މާޒިޔާ ބަލިވިއިރު، އެ ޓީމުން މިދިޔަ އަހަރު ރާއްޖޭގައި ކުޅުނު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު މެޗުންވެސް ވަނީ ބަޝުންދަރާ އަތުން ބަލިވެފައެވެ. އެފަހަރު މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ބުދަ ދުވަހުގެ ހަވީރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާއިން ވަނީ 4-2 ގެ ނަތީޖާއަކުން އިންޑިއާ ސުޕަ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާން ބަލިކޮށްފައެވެ. އޭއެފްސީ ކަޕުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. އެ ދުވަހުގެ ހަވީރު ބަޝުންދަރާ އާއި އޭޓީކޭ މޯހަން ބަގާން ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ގޯކުލަމް ކެރަލާ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.