ސިޔާސީ

ސަރުކާރުން މި ކުރައްވަނީ ޤައުމަށް އާރޯކަން ގެނައުމުގެ މަސައްކަތް


ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަކީ ރާއްޖެ ފަނާވެފައިވާ ހިސާބުން އާރޯކަން ގެނައުމަށް ކުރައްވާ މަސައްކަތްޕުޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "އުއްމީދީ 2016"ގެ ނަމުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވަޒީރުންނާއި އެކު އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ކޮންމެ ފަރުދަކަށް، އަދި މުޅިދައުލަތަށް އުއްމީދީ މަސައްކަތްތަކެއް ގެނައުމަށް ކުރައްވާ މަސައްކަތްޕުޅުކަމަށެވެ.ދިވެހިރައްޖޭއަށް ބޭނުންވަނީ ހަމަޖެހުންކަމަށާއި، މީގެ ހަތް އަހަރުކުރިން ރައްޔިތުން ތަހައްމަލްކުރެއްވި ދުވަސްތަކެއް ތަހައްމަލް ކުރަން ރައްޔިތުން ބޭނުންނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރާއްޖެއަކީ ވަސީލަތްތައް މަދު އެހެންނަނަމަވެސް އުއްމީދާއިއެކު ކުރިއަށްދާން ބޭނުންވާ ރައްޔިތުން އުޅޭ ޤައުމެއްކަމަށާއި، ޤާނޫނުގެ ތެރެއިން ކަންކަން ނިމިގެންދާންބޭނުންވާ ރައްޔިތެއް އުޅުއްވާ ޤައުމެއްކަމަމުގައި ރައީސް ވިދާޅުވިއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދް ބޭސްފަރުވާއަށް  ރާއްޖެއިން ބޭރަށް ވަޑަގަތުމަށް ސަރުކާރުން ހުއްދަ ދެއްވި ސަބަބުގެ މައްޗަށް އަލިއަޅުއްވާލައްވާ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ފަރުވާއަށް އެދިވަޑައިގެންނެވުމުން ނުފޮނުއްވާ ހިފެހެއްޓެވުމަކީ ކުރައްވަން ފަސޭހަފުޅުކަމެއް ނޫންކަމަށެވެ. އަދި އެއްބަސްވެ ވަޑައިގެންނެވިގޮތަށް ބޭސްފަރުވާއަށްފަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން ޤައުމަށް ޚިދުމަތްކުރެއްވުމަށް ވަޑައިގަންނަވާނެކަމުގެ އިންތިޒާރުގައި ތިއްބެވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.