ޚަބަރު

ރަޖީވު ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރި މީހަކު 31 އަހަރުފަހުން މިނިވަންކޮށްފި


އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރަޖީވު ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރި މީހަކު މިނިވަންކޮށްފިއެވެ.

1991 އަހަރުގެ ތެރޭގައި ރަޖީވު ގާންދީ އަވަހާރަކޮށްލާފައިވަނީ ކެންޕޭނު ޙަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ދެކުނުގައި އޮން ތެމިލް ނާޑޫއަށް ވަޑައިގެންނެވުމުން ބޮމެއް ގޮށްވާލައިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ އަވަހާރަކޮށްލާފައިވަނީ 1987ވަނަ އަހަރުގެ ތެރޭގައި އިންޑިޔާގެ ޞުލްޙަ ބަލަހައްޓާ ސިފައިން ސުރީ ލަންކާއަށް ފޮނުއްވުމުންނެވެ. އެއީ ސުރީ ލަންކާގައި ތަމަޅަ ޓައިގަރުން ނުރައްކާތެރި ޙަމަލާތަކެއް ދެމުންދިޔަ ދުވަސްވަރެކެވެ.

އިންޑިޔާގެ ސުޕުރީމު ކޯޓުން މިނިވަންކޮށްފައިވަނީ ރަޖީވު ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރި އޭ ޖީ ޕެރަރިވާލަންނެވެ. އޭނާއަކީ ރަޖީވު ގާންދީ އަވަހާރަކޮށްލަން ހެދި ބޮމަށް ބޭނުންވާ ބެޓަރި ގަނެދިންކަމަށް ސާބިތުވި މީހާއެވެ. އޭނާ ޖަލަށް ލާފައިވަނީ 1991ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ޖަލުގައި ހޭދަކުރި 31 އަހަރުގެ ތެރެއިން 29 އަހަރު ހުރީ އެކަހެރިކޮށް ހަ ފޫޓު ނުވަ ފޫޓު ގޮޅިއެއްގައެވެ.

2021ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެމިލް ނާޑޫގެ ސަރަޙައްދީ ސަރުކާރުންވަނީ ޕެރަރިވާލަން ގޭބަންދަށް ދޫކޮށްލައިފައެވެ. އޭނާ މިނިވަންކުރަމުން ސުޕުރީމު ކޯޓުން ބުނެފައިވަނީ ރަޖީވު ގާންދީ އަވަހާރަކޮށްލުމުގައި އޭނާ ބައިވެރިވެފައިވަނީ ޢުމުރުން 19 އަހަރުގައިކަމަށާއި އޭނާ ކުރި ކުށެއްގެ އަދަބެއްގެ ގޮތުގައި 30އަށްވުރެ ގިނަ އަހަރު ޖަލުގައި ބަންދުކޮށްފައި ބެހެއްޓިއްޖެކަމަށެވެ. އޭނާގެ އިތުރުން ހަ މީހަކުވަނީ ރަޖީވު ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ސާބިތުވުމުން ޖަލަށްލައިފައެވެ. އޭގެ ތެރޭގައި އަންހެނެއްވެސް ހިމެނެއެވެ. ޕެރަރިވާލަން މިނިވަންވުމުން އެ މީހުންވެސް މިނިވަންވާނެކަމަށްވަނީ ބެލެވިފައެވެ.

އިންޑިޔާގެ އިދިކޮޅު ކޮންގުރެސް ޕާޓީގެ ރައީސް ސޯނިޔާ ގާންދީއަކީ ރަޖީވު ގާންދީގެ އަނބިކަނބަލުންނެވެ. އަދި އެ ދެ ބޭފުޅުންގެ ދަރިކަލުންކަމަށްވާ ރާހުލް ގާންދީއަކީ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރެކެވެ.