ސިޔާސީ

"އިންޑިއާ އައުޓް" ހަރަކާތް ރާވާ، ހިންގާކަމަށް ތުހުމަތުކުރެވޭ 2 މީހަކު ހައްޔަރުކޮށްފި


"އިންޑިއާ އައުޓް" ނަމުގައި ކުރިއަށްގެންދާ ހަރަކާތް ރާވާ، ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކާއި، 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހައްޔަރުކުރި 2 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީ.ޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރ މުޙައްމަދު އިސްމާޢީލް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ، މި 2 މީހުން ހައްޔަރުކޮށްފައިވަނީ "އިންޑިއާ އައުޓް" ނަމުގައި އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށެވެ.

އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިދިޔަމަހުގެ 21 ވަނަ ދުވަހު އަންގަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން އަންގަވާފައިވަނީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤާއުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމަވާފައިވާތީއެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަންވެސް ރައީސްގެ ޤަރާރުގައި ވިދާޅުވިއެވެ.

މި ހަރަކާތުގެ ސަބަބުން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިންނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައިވެސް ސަރުކާރުން ވިދާޅުވެއެވެ.