ޚަބަރު

އިންޑޮނޭޝިއާގައި ހުރި ވިޔަފާރި ފުރުސަތުތަކާބެހޭ މަޢުލޫމާތު ދިވެހި ވިޔަފާރިވެރިންނަށް


އިންޑޮނޭޝިއާގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދިވެހި ވިޔަފާރިވެރިންނަށް ކިޔާދިނުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ދޭވީ ގުސްތީނާ ޓޯބިންގެ އިސްނެންގެވުމަށް ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މާގިރި ހޮޓެލްގައެވެ. މި ބައްދަލުވުމުގައި އެކަމަނާވަނީ އިންޑޮނޭޝިއާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ބައިވެރިވި މި ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސަފީރު ދޭވީ ގުސްތީނާ ވިދާޅުވީ، އިންޑޮނޭޝިއާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ވަރުގަދަކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

" ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޑޮނޭޝިއާ ތަޢާރަފްކުރަން ބޭނުންވަނީ، މިހާރު ވޮލިއުމް އޮފް ޓްރޭޑަކީ 40 މިލިއަން ޑޮލަރު، އެހެންނަމަވެސް އިންޑޮނޭޝިއާ އަކީ ވަރަށް ބޮޑު ސަޕްލައާއެއް، ޕްރޮޑިއުސަރއެއް، އެހެންވީމާ މި ބައްދަލުވުމުން އެ ފުރުސަތުތައް ކިޔާދޭން ބޭނުންވަނީ،" ސަފީރު ދޭވީ ގުސްތީނާ ވިދާޅުވިއެވެ.

ދޭވީ ގުސްތީނާ ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނަށް އިންޑޮނޭޝިއާގައި ހުރި ފުރުސަތުތައް އެނގި އެޤައުމުން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. އެއަށްފަހު އެކަމަނާ ގެންދަވަނީ ރާއްޖޭގެ އެކި މިނިސްޓަރުންނާއި އެކި ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުންނެވެ.