ޚަބަރު

ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއީ ގޮތުން ގޯސްކޮށް: ކޮމިޓީ


ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖޭއެސްސީން މި ދެފަނޑިޔާރުން ވަކިކުރުމަށް ނިންމީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ.

ޖޭއެސްސީން ވިދާޅުވެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދެއްވި ފްލެޓްތަކަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިންގ ހަމަޖެއްސުމުގެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްކަމަށާ، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް މިގޮތަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްޞަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިންގ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވާކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ޖޭއެސްސީން ނިންމެވީ މިކަން ބައްލަވައި ތަޙްޤީޤުކުރެއްވުމަށްފަހުކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ. ޖޭއެސްސީން ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މަޖިލީޙުގެ ތަޅުމުން މިމައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް ނިންމިއެވެ.

މިފަދަ މައްސަލަތަކުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޖޭއެސްސީން އެ ނިންމުމަށް ވާސިލުވުމުގައި އަމަލުކޮށްފައި ވަނީ އުސޫލުތައް ނުވަތަ އިޖުރާއަތްތަކާ އެއްގޮތަށްތޯ ބެލުމެވެ.

މި މައްސަލާގައި މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން ކޮމިޓީއަށް ފޮނުއްވި ސިޓީއަށްވެސް ރިޔާއަތްކުރެއްވުމަށްފަހުއެވެ.

ފަނޑިޔާރުންގެ ފަރާތްޕުޅުން ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވަނީ އެ ފަނޑިޔާރުން ވަކިކުރަން ނިންމެވީ އެބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދެއްވާކަަމަށެވެ. އަދި މި މައްސަލައިގައި ދެ ފަހަރަށް ކޮމިޓީ ހަދައި، ކުރިން ކޮމިޓީން މައްސަލައެއް ނެތްކަމަށް ނިންމި ނިންމުން ބަދަލުކުރި ކަމަށްވެސް ފަނޑިޔާރުންގެ ސިޓީގައިވެއެވެ. މީގެ އިތުރުން ފްލެޓް ލިބުނު އެހެން ފަނޑިޔާރުން ޝަރަފްވެރިކަމާއެކު ރިޓަޔަރވުމުގެ ފުރުޞަތު ދެއްވާފައިވާކަމަށްވެސް ކޮމިޓީއަށް ފަނޑިޔާރުން ފޮނުއްވި ސިޓީފުޅުގަައި ވިދާޅުވެފައިވެއެވެ.