ވިޔަފާރި

"އެކްސްޕްލޯރ އިން މޯލްޑިވްސް" ޓްރެވެލް އެޖެންސީގެ ލައިސަންސް ސަސްޕެންޑްކޮށްފި


ޓޫރިޒަމް މިނިސްޓްރީން "އެކްސްޕްލޯރ އިން މޯލްޑިވްސް" ޓްރެވެލް އެޖެންސީގެ ލައިސަންސް ސަސްޕެންޑްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، "އެކްސްޕްލޯރ އިން މޯލްޑިވްސް"ގެ ލައިސަންސް ސަސްޕެންޑްކޮށްފައިވަނީ އެ އެޖެންސީއާއި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެންކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ "އެކްސްޕްލޯރ އިން މޯލްޑިވްސް"އިން ބުކިން ހައްދަދޭނެކަމަށް ބުނެ ފަތުރުވެރިންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާފައިވާކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެ އެޖެންސީއަށް ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި މައްސަލަ މިހާރު ފުލުހުންނަށްވެސް ހުށައަޅާފައިވާކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމާއެކު މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ރާއްޖޭގެ ރީތިނަން ބައިނަލްއަޤްވާމީ މާކެޓްގައި ދެމެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.