ޚަބަރު

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަނީ އިންޑިއާއިން


މިހާރު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ އިންޑިއާ ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މޭމަހުގެ ސޯޅަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 647945 ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 13 އިންސައްތަ ފަތުރުވެރިންނަކީ އިންޑިއާ ފަތުރުވެރިންނެވެ.

މިދިޔަ އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އިންޑިއާއިން ކަމުގައިވިޔަސް މިއަހަރުގެ ފުރަތަމަ 3 މަސްދުވަސްތެރޭ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ރަޝިއާއިންނެވެ.

އެހެންނަމަވެސް ރަޝިއާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށަށް ދިޔައެވެ. މިއާއެކު އޭޕްރީލްމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި މަރކެޓަކީ އިނގިރޭސިވިލާތެވެެ. އެހެން ނަމަވެސް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ މިވަނީ އަނެއްކާވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަށްވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 12.6 އިންސައްތައާ އެކު ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އަދި 9.6 އިންސައްތަ އާއި އެކު ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 71155 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ 2019ވަނަ އަހަރުގެ މޭމަހުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 57693 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 23 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4764 ފަތުރުވެރިން އަންނަ އިރު ފަތުރުވެރިން ރާއްޖޭގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.