ޚަބަރު

ގޮތަބަޔާއާ ދެކޮޅަށް ޤަރާރެއް ފާހެއް ނުކުރެވުނު


ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ދެކޮޅަށް ފާސްކުރަން މަސައްކަތްކުރި ޤަރާރެއް ނާކާމިޔާބުވެއްޖެއެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުން މަސައްކަތްކޮށްފައިވަނީ ގޮތަބަޔާއާ ދެކޮޅަށް ހުށަހަޅާފައިވާ ޤަރާރު އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށެވެ. ނަމަވެސް 119 މެންބަރުން ވޯޓުދީފައިވަނީ އެ ހުށަހަޅެމާ ދެކޮޅަށްށެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓުދީފައިވަނީ 68 މެންބަރުންނެވެ. އެހެންކަމުން އެ ޤަރާރާމެދު ބަޙުޘްކުރާނީ ހަފުތާއެއްފަހުންކަމަށް ބެލެވެއެވެ. އިދިކޮޅު މެންބަރުން ބޭނުންވި ގޮތަށް އެ ޤަރާރު ފާސްވިނަމަ ގޮތަބަޔާ އިސްތިޢުފާދެއްވުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކަށް ބޮޑު ހިތްވަރެއް ލިބޭނެއެވެ.

ސުރީ ލަންކާގެ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ނަމަވެސް އިދިކޮޅު މެންބަރުން ގޮތަބަޔާއާ ދެކޮޅަށް ޤަރާރެއް ފާސްކުރަން މަސައްކަތްކޮށްފައިވަނީ ބޮޑުވަޒީރުގެ މަޤާމުން މަހިންދަ ރާޖަޕަކްސަ އިސްތިޢުދާދެއްވިފަހުން ބޭއްވި ފުރަތަމަ ޖަލްސާގައެވެ. އިދިކޮޅުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދިން ގިނަ މެންބަރުން ބުނެފައިވަނީ ގޮތަބަޔާއާ ދެކޮޅަށް ޤަރާރު ފާސްކުރުމަށްވުރެ ކުރިން މުޙިއްމު މަސައްކަތްތައް އެބަހުރިކަމަށެވެ. އަދި ޤައުމުގެ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ މެންބަރުން ފާހަގަކުރިއެވެ.

ސުރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި އިދިކޮޅުން މަސައްކަތްކުރަނީ ވަޤުތު ބޭކާރުކުރަންށާއި އެފަދަ ހުށަހެޅުންތަކަށް ތާޢީދުނުކުރައްވާނެކަމަށެވެ. އަދި އޭނާވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ ގޮތުން އެ ޤައުމުން ތެޔޮ ހުސްވެފައިވާކަމަށާއި ތެޔޮ ގަންނާނެ ފައިސާ ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަޙުމަތްތެރި ޤައުމުތަކުގެ އެހީތެރިކަމަށް ސުރީ ލަންކާ ބޭނުންޖެހިފައިވާ މިންވަރު އޭނާވަނީ އަނެއްކާވެސް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފައެވެ.

ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިގެން މުޒާހަރާކުރަމުންދާ މީހުންނާއި ސަރުކާރަށް ތާޢީދުކުރައި ފަރާތްތަކާ ދެމެދު ފާއިތުވި ހަފުތާގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ނުވަ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިޞްބަތްވާ މަޖިލިސް މެންބަރެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ހަމަނުޖެހުން އުފެއްދިކަމުގެ ތުޙުމަތުގައި ސަރުކާރަށް ނިޞްބަތްވާ މަޖިލިސް ދެ މެންބަރުންވަނީ ހައްޔަރުކޮށްފައެވެ.