ވިޔަފާރި

މަސް އެކްސްޕޯޓު ކުރަމުންދަނީ އެވްރޭޖްކޮށް 281 ޑޮލަރު ގެއްލުމުގައި: މިނިސްޓަރ


އެކްސްޕޯޓު ކުރާ މަހުން މިހާރުވެސް 281 ޑޮލަރު މިފްކޯއަށް ގެއްލުންވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި މަހަށް ހަމައަގު ހޯދުމާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއަށްވަނީ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މަހަށް ހަމައަގު ލިބުމާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އަސްލު ހަމައަގަކީ ކޮބާތޯ ބަލަންޖެހޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ހަމައަގު ކަމުގައި ބައިނަލްއަޤްވާމީގޮތުން، ބަލަނީ އެއްޗެއް ގަނެގެން އެއިން ސެކަންޑަރީ ޕްރޮޑަކްޓެއް އުފައްދައިގެން މާކެޓަކަށް ވިއްކައިގެން އެއިން އެއްޗެއް ލިބޭ އަގަކަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިހާރު ހާލަތު އޮތްގޮތުން މަސް ގަންނަނީ ހަމައަގުގައި ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިއަދު ކަން ހުރިގޮތަށް ބަލާއިރު އަޅުގަނޑުމެން މަސްގަންނަނީ ފެއަރ ޕްރައިސްއެއްގައެއް ނޫން. އެހެން އަޅުގަނޑުމެން މިދަންނަވަނީ އަޅުގަނޑުމެން އެކްސްޕޯޓު ކުރާ މަހުން މިއަދުވެސް 281 ޑޮލަރު ގެއްލުންވަމުންދާތީ މިފްކޯއަށް. އެހެންވީމަ ކޮސްޓް އޮފް ޕްރޮޑަކްޝަނަށްވުރެ މާކެޓް ޕްރައިސް މާދަށް. ނަތީޖާއަކީ ސަބްސިޑައިޒްކޮށްގެން މިކަން ކުރަން ޖެހުން. އެއަށް ފެއަރ ޕްރައިސް ކިޔަންޏާ ކީ ދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ފެއަރ ޕްރައިސް ނުވަތަ ހަމައަގެއް ނޫން ހެން. "މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމައަގު ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އީޔޫގެ ޓެކްސް ކަމަށް މީގެ ކުރިން ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އުފައްދާ މަސް ޤައުމުތަކަށް ބޭރުކުރުމުގައި ދަތިތަކެއް ހުރުމުން މަސްވެރިންނަށް ހަމައަގު ނުލިބޭ ކަމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯއަށް މަސް އެކްސްޕޯޓު ކުރުމުގައި ގެއްލުންވާ ކަމަށް މިނިސްޓަރ ފާހަގަކޮށްފައިވާއިރު، މިފްކޯގެ އޮޕަރޭޝަން ފުޅާކޮށް ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިފްކޯއިން މިދިޔަ އަހަރުތެރޭ ރެކޯޑު އަދަދަކަށް މަސް ކިރުވާފައިވާއިރު، މިދިޔަ އަހަރު މިފްކޯއިން ވަނީ 58250 ޓަނުގެ މަސް ގަނެފައެވެ. އަދި ރޯމަހުގެ ގޮތުގައި 47000 ޓަނު ވަނީ ރާއްޖެއިން އެކްސްޕޯޓުކޮށްފައެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރަށްވުރެ ރަނގަޅު އާމްދަނީއެއް މިއަހަރު އެކުންފުންޏަށް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.