ޚަބަރު

މައުލޫމާތު ހޯދައި ލިބިގަތުމަށް އޮންލައިން ޕޯޓަލްއެއް ތައާރްފްކޮށްފި


މައުލޫމާތު ހޯދައި ލިބިގަތުމުގައި ބޭނުންކުރުމަށް "މަހޯލި ޕޯޓަލް"ގެ ނަމުގައި އޮންލައިން ޕޯޓަލެއް އިންފޮމޭޝަން ކޮމިޝަނުން ތައާރްފްކޮށްފިއެވެ.

މި ޕޯޓަލް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުއެވެ. މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މި ޕޯޓަލްއަކީ ހަމައެކަނި މައުލޫމާތަށް އެދި ހުށަހެޅުމަށް އޮތް ޕޯޓަލެއް ނޫންކަމަށާއި އޭގެ ދެންހުރި މަރުހަލާތައްވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށެވެ. އެގޮތުން ދައުލަތުގެ އިދާރާއަކުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން އެ އިދާރާއަކުން މައުލޫމާތު ދިނުމަށް އިންކާރު ކޮށްފިނަމަ ނުވަތަ ދިން މައުލޫމާތާ މެދު ހިތްހަމަ ނުޖެހޭނަމަ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖާ ކުރުމަށް މުރާޖާ ކޮމިޓީއަށް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

" މީގެ އިތުރުން މުރާޖާ ކޮމިޓީން ނިންމާ ނިންމުމަށް ހިތްހަމަ ނުޖެހޭނަމަ އިންފޮމޭޝަން ކޮމިޝަން އޮފީހަށް އިލްތިމާސްކުރުމަށްޓަކައި ހުށަހެޅޭ ހުށަހެޅުންވެސް މި ޕޯޓަލް ތެރޭން ހުށަހެޅޭނެ. އަދި އޭގެ އިތުރން ދައުލަތުގެ އިދާރާއަކަށް މައުލޫމާތައް އެދި ހުށަހަޅާ ގެން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ދީފައިނުވާކަމުގަ ވަނީނަމަ ސީދާ އިންފޮމޭޝަން ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ޕޯޓަލް ތެރޭން ހުށަހެޅޭނެ" އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވިއެވެ.

"މަހޯލި ޕޯޓަލް"އަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދުމުގައި ބޭނުންކުރާ އޮންލައިން ޕޯޓަލެކެވެ. މިޕޯޓަލަކީ މައުލޫމާތު ހޯދުމަށްޓަކައި ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕޯޓަލެކެވެ. އެގޮތުން މައުލޫމާތަށް އެދޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެދުމުގައި ދައުލަތުގެ އިދާރާތަކަށް މިޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ދައުލަތުގެ އިދާރާތަކަށް މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މި ޕޯޓަލް މެދުވެރިކޮށް ޖަވާބުދާރީ ވެވޭނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅާ ޝަކުވާ ނުވަތަ އިލްތިމާސް ހުށަހެޅުމުގެ ނިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.

"މަހޯލި ޕޯޓަލް" ބޭނުންކުރުމަށްޓަކައި Mahoali.com ލިންކަށް ވަނުމަށްފަހު ރެޖިސްޓަރ ވާންޖެހޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހޯދުމަށްޓަކައި މައުލޫމާތަށް އެދޭ ފަރާތުގެ މައުލޫމާތު ފުރުމަށްފަހު، މައުލޫމާތު ބޭނުންވާ ތަނެއް އިޚްތިޔާރުކޮށް ބޭނުންވާ މައުލޫމާތަށް އެދެވޭނެއެވެ.

މި ޕޯޓަލް ތަޢާރަފް ކޮށްފައިވަނީ ދައުލަތުގެ 50އަށް ވުރެ ގިނަ އިދާރާތަކާ އެކުގައެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި، މިނިވަން މުއައްސަސާތަކާއި ކައުންސިލްތައް ހިމެނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ އެހެން އިދާރާތައް ވެސް މި ޕޯޓަލްގެ ވިއުގައާއި ގުޅި ޕޯޓަލް ބޭނުންކުރާ އިދާރާތައް އިތުރުވަމުން ދާނެކަމަށް އިންފޮމޭޝަން ކޮމިޝަނުން ބުނެއެވެ.

މިޕޯޓަލް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގު ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށާއި ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމަށް މި ޕޯޓަލްގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށްވެސް އައިކޮމްއިން ބުނެއެވެ.