ޚަބަރު

ސަޢޫދީން ހަވާލުކުރި ކަދުރު ބެހުން މިމަހުގެ 31އާއި ހަމައަށް ކުރިއަށްދާނެ


ސަޢޫދީ ސަރުކާރުން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރި ކަދުރު ބެހުން މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކޮށްފިއެވެ.

1443 ވަނަ އަހަރު ރަމަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ސަރުކާރުން ހަދިޔާކުރި 50 ޓަނުގެ (25،000 ޕެކެޓު) ކަދުރު، އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. ސައުދީން ރާއްޖެއަށް ހަދިޔާ ކުރި މިކަދުރު ބަހާނެ އުސޫލެއް އިސްލާމިކް މިނިސްޓްރީންވަނީ އާއްމުކޮށްފައެވެ.

ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަންދީގެން ކަދުރު ހަވާލުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންކަމަށެވެ. އެއީ 1443 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް ބަހާނީ 1 ޕެކެޓް ކަދުރު ކަމަށާއި، ސައުދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބީސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބީސީއަކަށް ބަހާނީ 26 ޕެކެޓް ކަދުރުކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުން ކުރިއަށް ގެންދާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކަދުރު ބެހުން ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުންނެވެ.

މިއުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން، ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45އިން ފެށިގެން މެންދުރު 14:00އާ ހަމައަށް އިސްލާމިކް މިނިސްޓްރީއަށް އައުމުން ކަދުރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި ކަދުރު ބެހުން މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.