ކުޅިވަރު

ފޯމެޓަށް ގެނައި ބަދަލާ މެދު ޓީމުތަކުން ތިބީ ހިތްހަމަޖެހިފައި: ރަނޭ


ވޮލީބޯޅަ ސީޒަން ފެށުމުގެ ކުރިން ފޯމެޓަށް ގެނައި ބަދަލާ މެދު ކުލަބުތަކުން ތިބީ ހިތްހަމަޖެހިފައި ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ހ. ބޯޅަ ގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރަނޭ ވިދާޅުވީ، އައު ފޯމެޓާއެކު ކްލަބްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި، މިއާއެކު ކްލަބްތަކުގެ މެދުގައި ވާދަވެރިކަންވެސް އިތުރުވެގެންދާނެ ކަމަށެވެ.

އައު ސީޒަން ފަށާއިރު، ފިރިހެން ޑިވިޝަނުގައި ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ދީފައެވެ. އެކަމަކު އެއީ ވީއޭއެމުން އެކުލަވާލާފައިވާ ޕޫލުގެ ތެރެއިންނެވެ. ވީއޭއެމުން އެކުލަވާލާފައިވާ ޕޫލުގައި ހިމެނެނީ އިންޑިއާގެ 18 ކުޅުންތެރިންނެވެ. ރަނޭ ވިދާޅުވީ މި 18 ކުޅުންތެރިންނަކީވެސް މީގެ ކުރިން ރާއްޖޭގައި ނުކުޅޭ ފެންވަރުގެ މޮޅު ކުޅުންތެރިން ކަމަށެވެ.

ރަނޭ ވިދާޅުވީ މި މުބާރާތް މި ފެންވަރަށް ގެނައުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ މާލީ ގޮތުން ކަމަށާއި، އެކަމަކު ސްޕޮންސަރުން ހަމަޖެހި މިކަމަށް ހައްލު ލިބިފައިވާ ކަމަށެވެ. އަދި ވޮލީ ފޯމެޓަށް ސްޕޮންސަރުން ދިން އިތުބާރު އެއީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި، މި ބަދަލާއެކު ކުޅުންތެރިންގެ ޚަރަދުތައް ބަލާނީ ވީއޭއެމުން ކަމަށްވެސް ވިދާޅުވިއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕް ފެށުމަށް ތައްޔާރުވަމުންދާއިރު، މި މުބާރާތުގައި ފިރިހެން ޑިވިޝަނުގެ ހަ ޓީމު ވާދަކުރާއިރު އަންހެން ޑިވިޝަނުގައި 10 ޓީމެއް ވާދަކުރާނެއެވެ.