ކުޅިވަރު

މާޒިޔާއަށް ޕްރެޝަރެއް ނެތް، އަމިއްލަ ފެންވަރު ސާބިތުކޮށްދޭނަން: ޖެސިކް


އޭއެފްސީ ކަޕަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު އެ ޓީމަށް ޕްރެޝަރެއް ނެތް ކަމަށާއި، އަދި މުބާރާތާ އެ ޓީމު ކުރިމަތިލަނީ އަމިއްލަ ފެންވަރު ސާބިތުކޮށްދީ، ފުރުސަތުގެ ބޭނުން ހިފަން ކަމަށް މާޒިޔާގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފިއެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ބަޝުންދަރާ އާއި ދެކޮޅަށެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޖެސިކް ބުނީ މާޒިޔާއިން މެޗަށް ނުކުންނާނީ މާޒީއަށް ވިސްނައިގެން ނޫން ކަމަށެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި މެޗުތައް ކުޅުމުން އެ ޕްރެޝަރު އޮތުން ގާތް ކަމަށާއި، އެކަމަކު މިއަހަރު މާޒިޔާއިން ނުކުންނާނީ ޕްރެޝަރެއް ނެތި އަމިއްލަ ފެންވަރު ސާބިތުކޮށްދީ ފުރުސަތުތަކުގެ ބޭނުން ހިފަން ކަމަށް ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ މި މެޗަށް ނުކުންނައިރު މާޒިޔާއަކީ ފޭވަރިޓުންނަށް ނުވުން އެއީ މައްސަލަ އެއް ނޫން ކަމަށާއި، މާޒިޔާއިން އެކަން ނަގަނީ ޕޮޒިޓިވްކޮށް ކަމަށެވެ. އެކަމަކު މާޒިޔާއިން ގަބޫލުކުރަނީ ގްރޫޕް ސްޓޭޖުފަހަނަ އަޅާ ދިޔުމުގެ ފުރުސަތު އެ ޓީމަށް އޮތް ކަމަށް ކަމަށާއި، މުބާރާތައް ނުކުންނަނީ އެ ނަތީޖާ ނެރެން ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ދިވެހި ކުޅުންތެރިނަކީ އަމިއްލަ ގައުމުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިންތަކެއް ކަމަށާއި، އެކަމަކު ރަށުން ބޭރުގައި ކުޅޭއިރު ވިސްނުން ހުންނާނީ ބަލި ނުވެ މެޗު ނިންމާލެވޭތޯ ކަމަށް ކަމަށެވެ.

އޮސްކާ ބުނީ މާޒިޔާގެ ކޯޗު ޖެސިކް އާއިއެކު އެޓީމުގެ ކުޅުން ވަރަށް އޯގަނައިޒް ކަމަށާއި، މި މެޗަށް ނުކުންނައިރު އޮތް ހިތްހަމަ ޖެހުމަކީ މާޒިޔާގައި ތިބި ކުޅުންތެރިންގެ ފެންވަރު ދަސްވެފައިވުން ކަމަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕް ޑީގެ މެޗުތައް މި ފަހަރު ކުޅެނީ ސެންޓްރަލައިޒްކޮށް، އިންޑިއާގެ ކަލްކަތާގަ އެވެ. މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހުރިހާ މެޗެއް ކުޅޭއިރު، މާޒިޔާގެ އިތުރުން ދެން ހިމެނެނީ، އިންޑިއާގެ ދެ ޓީމު ކަމަށްވާ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އާއި ސުޕަ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.

މާޒިޔާ އާއި ބަޝުންދަރާ ކިންގްސް ކުޅޭ މެޗު ފަށާނީ މިރޭ 20:00 ގައެވެ.