ރިޕޯޓް

ފަރެސްމާތޮޑާ ތާރީޚް ބަދަލުކޮށް، ތާރީޚުން ޖާގަ ހޯދުމުގެ އުއްމީދުގަ


ރާއްޖޭގެ ރަށްތަކުގެ މެދުގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަކީ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. މުބާރާތުގެ ފުރަތަމަ ދެބުރު ނިމި މިހާރު ކުރިއަށް އޮތީ ތިންވަނަ ބުރު ނުވަތަ ފަހު ބުރުގެވެސް އެންމެ ފަހު މަރުހަލާއެވެ. އެއީ ސެމީފައިނަލެވެ.އަތޮޅު ފަހަނައަޅައި، ޒޯނަށް ދަތުރުކޮށް، ޒޯންގެ ޗެމްޕިއަންކަން ހޯދައި، ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖްވެސް ފަހަނަ އެޅުމަށްފަހު ސެމީފައިނަލްގައި އޮތީ ޒޯން ދޭއްގެ ޗެމްޕިއަން ފޯކައިދޫއާއި، ޒޯން ތިނެއްގެ ޗެމްޕިއަން އޭދަފުއްޓާއި، ޒޯން ހަތަކުން ފަރެސްމާތޮޑާއާއި، ޒޯން އަށަކުން ފޭދޫއެވެ. މީގެތެރެއިން އަތޮޅު ތެރޭގެ ފުޓްބޯޅައިގައި އެންމެ ކުޑަ، ނުވަތަ ފަނޑު ރަށަކީ ފަރެސްމާތޮޑާކަމަށް އެޓީމުން ޤަބޫލުކުރެއެވެ. ޓީމްގެ ކޯޗު ފަޒީން މުޙައްމަދު ޤަބޫލުކުރާގޮތުގައި ދެން އޮތް ތިން ޓީމަކީވެސް ރާއްޖޭގެ ފުޓްބޯޅައިގެ މާފުންނާބު އުސް، ތަޖުރިބާ ބޮޑު، ރަނގަޅު ތާރީޚެއް އޮތް ތިން ޓީމެވެ." އަޅުގަނޑުމެންނަށްވުރެ ތަޖުރިބާ ބޮޑު، ތާރީޚަށް ބަލާއިރުވެސް މާ ރަނގަޅު ތިން ޓީމް ދެން އޮތީ. މިއީ މިފެންވަރުގައި އަޅުގަނޑުމެންގެ ފުރަތަމަ ތަޖުރިބާ. އަޅުގަނޑުމެން ނިކުންނާނީ ތާރީޚް ބަދަލުކޮށް، ތާރީޚުން ޖާގަ ހޯދަން. " މިއަދުގެ ޕްރެކްޓިސްއަށްފަހު ކޯޗު ފަޒީން ބުންޏެވެ.ސެމީފައިނަލް ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ފަރެސްމާތޮޑާ ނިކުންނާނީ ފުޓްބޯޅައިގެ ގަދަބާރު އޭދަފުއްޓާ ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ އޭދަފުއްޓާއި ދެކޮޅަށް ނިކުންނަ ފަރެސްމާތޮޑާ ޓީމް ވަނީ މުބާރާތަށް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ޓީމްގައި ބިދޭސީ 3 ކުޅުންތެރިން ހިމެނެއެވެ. ގޯލް ބަލަހައްޓަނީ އައިވަރީކޯސްޓްގެ އިސްކޮޅުން ދިގު މޮޅު ކީޕަރެކެވެ. އޭގެއިތުރުން ލަންކާގެ ދެ ކުޅުންތެރިން ހިމެނެއެވެ. ނަމަވެސް މީގެތެރެއިން އެއް ކުޅުންތެރިއަކު ސެމީފައިނަލަށް ސަސްޕެންޑްވެފައި ހުރުމަކީ ކޯޗުގެ ފިކުރެކެވެ.ޓީމްގެ މައިތަނބުގެ ގޮތުގައި ފާހަގަކުރެވެނީ ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ޝަމްވީލް ޤާސިމް ( ބޮންޑާ ) އެވެ. ސީޒަނެއްގެ މެދުކެނޑުމަކަށްފަހު އަލުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް ނިކުންނަން ތައްޔާރުވެފައިވާ ބޮންޑާއާއެކު އައްޑޫގެ އިތުރު ދެކުޅުންތެރިންވެސް ފަރެސްމާތޮޑާ ޓީމްގައި ހިމެނެއެވެ. މީގެއިތުރުން ފުޓްބޯޅައިގެ ދެރަށްކަމަށްވާ މަހިބަދޫއާއި ހުރާގެ ކުޅުންތެރިއަކާއި ގައްދޫގެ ކުޅުންތެރިއަކުވެސް ފަރެސްމާތޮޑާ ޓީމްގައި ހިމެނެއެވެ. އެހެންކަމުން ފަރެސްމާތޮޑާއަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމެވެ." އަޅުގަނޑުމެން މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ފައިނަލުން ޖާގަ ހޯދާނަން." ސީ ލައިސަންސް ކޯޗު ފަޒީން ބުންޏެވެ.މިމުބާރާތަކީ ކޯޗިންގ ލައިސެންސާއެކު ފަޒީންގެ މިފެންވަރުގެ ފުރަތަމަ ތަޖުރިބާއެވެ. އެހެންކަމުން އޭނާގެ ފުރަތަމަ ތަޖުރިބާއާއެކު ފަރެސްމާތޮޑާ ޓީމް ތާރީޚްގެ ތެރެއަށް ގެންދިއުމަކީ އޭނާގެ އަޒުމެވެ. އުއްމީދެވެ. އެކަމަށް ޓީމް އޮތީ ތައްޔާރަށެވެ. ވާދަކުރަން ޖެހެނީ ފުޓްބޯޅައިގެ އެންމެ ގަދަ އެއްބާރާއެވެ.ހޮނިހިރު ދުވަހު ހަވީރު 3:45 ގައި ފަށާ ފައިނަލް މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.