ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން މިއަދު ފެށިއްޖެއެވެ.
މި މަހުގެ 17 އަދި 19 މި ދެ ދުވަހު ބާއްވާ މި ބައްދަލުވުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ކުރިއަށްދަނީ ވާރޗުއަލްކޮށެވެ. ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ.
މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ.ޝާހް ޢަބްދުﷲ މާހިރުއެވެ. މިބައްދަލުވުމުގައި ޑރ.ޝާހް ޢަބްދުﷲ މާހިރު ކުރެއްވި ތަޤުރީރުގައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކުރެއްވި ބުރަ މަސައްކަތާއި، މިފަދަ ކަންކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ޤައުމުތަކުގެ އިޤްތިޞާދަށް ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް ފާހަގަކޮށް މިފަދަ ކަންކަމުން އަރައި ގަތުމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތި ވެދާނޭ މިފަދަ ކާރިސާ ތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ޝާހްވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ޚާއްސަ މައުޟޫއަކީ 'ދަ ރޯޑް ޓު ކޯވިޑް-19 ރިކަވަރީ - ލެސަން ލާރންޓް ފޯރ ބިލްޑިންގ ހެލްތު ސިސްޓަމް ރެސިލިއަންސް ޓު އެޑްވާންސް ޔުނިވަރސަލް ހެލްތު ކަވަރޭޖް އެންޑް ގްލޯބަލް ހެލްތު ސެކިއުރިޓީ އިން ދަ ކޮމަންވެލްތު' އެވެ.
މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ ބްރޭކްއައުޓް ސެޝަންގައި އެހެން ޤައުމުތަކުން ކޯވިޑް-19 ގެ ޙާލަތު މެނޭޖްކުރުމަށް އަމަލު ކުރަމުންގެންދާގޮތާއި، ކޯވިޑް-19 ފަދަ ޞިއްޙީ ބޮޑެތި ކާރިސާތަކުގައި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޯވިޑް-19 ގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެކި އެކި އަސަރުތަކާއި އޭގެއިން ރައްކާތެރިވުމަށް ޤައުމުތަކުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންތަށް ފަދަ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިކަންތައްތަކާއި ގުޅޭގޮތުން ރާއްޖޭގެ ފަރާތުންވެސް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސް ފަރާތްތަކާއި ދެމެދު ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލް އަގުވާމީ މަޝްވަރާތައް ކުރެވޭނެއެވެ. ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއިގުޅޭ ’މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް‘ އަށް މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހުއެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ފޯ ހެލްތު ސާރވިސަސް ޑރ. އަޙްމަދު އަޝްރަފް އާއި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ލިމްޔާ ބައިވެރިވެވަޑައިގެންނަވައެވެ.