ސިއްހަތު

ޒިކާ ވައިރަސް ރާއްޖޭގައި އުޅޭތޯ ޓެސްޓްކުރަން ފަށައިފި


ޑެންގީއާ ވައްތަރު ސިފަތަކެއް އެކުލެވޭ ބައްޔެއް ޖައްސާ ވައިރަހެއް ކަމުގައިވާ ޒިކާ ވައިރަސް ރާއްޖޭގައި އުޅޭތޯ ޓެސްޓްކުރެއްވުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން  އެޖެންސީން- އެޗްޕީއޭއިން ފަށްޓަވައިފިއެވެ. މިއީ ރާއްޖެއިން މީގެ ކުރިން ފެނިފައިނުވާ ވައިރަހެކެވެ.ރާއްޖޭގެ ހެލްތު މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ރާއްޖޭގައި 6 މަސްދުވަހު މަސައްކަތް ކުރުމަށްފަހު އެނބުރި ދިޔަ ފިންލޭންޑް މީހެއްގެ ގައިގައި ޒިކާ މި ވައިރަސް ހުރިކަން ޔަޤީންވެއްޖެކަމަށް ބުނެ އެ ރާއްޖެއަށް އެކަން ވަނީ އަންގާފައެވެ. މިކަން އެންގީ މިދިޔަ ޑިސެމްބަރުމަހުގެ މަހުގެ ފަހުކޮޅުގައެވެ.ރާއްޖޭގައި މިވައިރަސް ހުރިތޯ ޓެސްޓްކުރެއްވުމުގެ މަސައްކަތް އެދުވަހުން ފެށިގެން ކުރިއަށް ގެންދަވާކަމަށް ހެލްތު މިނިސްޓްރީން މިއަދު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ހާމަކުރެއްވިއެވެ.ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ ޝީޒާ އަލީ ވިދާޅުވީ ޒިކާ ވައިރަސް ފެނުނު ފިންލޭންޑް މީހާ ރާއްޖޭގައި މަސައްކަތްކުރި ރަށުގެ މީހުންގެ ސާމްޕަލްވެސް ތައިލޭންޑަށް ފޮނުވައިގެން ޓެސްޓް ކުރެއްވުމުގެ ކަންކަން ކުރިޔަށް ގެންދަވާކަމަށެވެ.ޑރ. ޝީޒާ ވިދާޅުވީ އަދި ޑެންގީގެ ޢަލާމާތްތައް ހުރި އެހެންނަމަވެސް ޑެންގީއަށް ޕޮޒިޓިވްނުވާ މީހުންގެ ސާމްޕަލްތައްވެސް ޓެސްޓްކުރައްވާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި މި ބައްޔަށް ޓެސްޓްކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށްވެސް ޑރ ޝީޒާ ވިދާޅުވިއެވެ.ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގައި މި ބަލީގެ އަސަރުކުރި މާބަނޑު މީހުން ވިހާ ކުދިންގެ ބޯ އެހެން އާދައިގެ ޙާލަތުގެ ކުދިންގެ ބޯ ހުންނަ ވަރަށްވުރެ ކުޑަކަން ފާހަގަކުރެވިގެން އެކަމުގެ ދިރާސާތައް އެގައުމުތަކުން މިހާރު ކުރަމުންދާ ކަމަށް ޑރ ޝީޒާ ވިދާޅުވިއެވެ. މިގޮތަށް ޑަބްލިއުއެޗްއޯއިން މަޢުލޫމާތު ދީފައިވާތީ ވޭތުވެދިޔަ އަށްއަހަރު ރާއްޖޭގައި ވިހާފައިވާ ކުދިންނަށް މިފަދަ މައްސަލައެއް ދިމާވެފައިވޭތޯ ބައްލަވާފައިވާ ކަމަށާއި، އެހެންނަމަވެސް އެފަދަ ކަމެއް ފާހަގަކުރެއްވިފައި ނުވާކަން އޭނާ ހާމަކުރެއްވިއެވެ.ޑރ ޝީޒާ ވިދާޅުވީ ޑެންގީގެ އަލާމާތްތަކުގެ އިތުރުން މި  ވައިރަސްގެ އަސަރު ކުރުމުން ގައިގައި ބިހި ތަކެއް ނަގައި ގައި ހިރުވާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށްވެސް ކުރަންޖެހޭނީ ޑެންގީއިންވެސް ރައްކާތެރި ވުމަށްވެސް ކުރަންޖެހޭ ކަންކަން ކަމަށެވެ.އެޗްޕީއޭއިން މި މަސައްކަތް ކުރައްވަމުންދާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކަމާގުޅޭ މާހިރުންގެ ޓީމެއް އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަސައްކަތުގައި ބައިވެރިވާނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.ޒިކާ ވައިރަހަކީ ރާއްޖެ ހިމެނޭ ރީޖަންގެ ޤައުމުތަކުން މީގެ ކުރިން ފެނިފައިވާ ވައިރަހެކެވެ. މި ވައިރަހުން ސަލާމަތްވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލައި، މަދިރިން ސަލާމަތްވެ ތިބުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ. އަދި މަދިރިން ސަލާމަތްވުމުގެ އިތުރު މަސައްކަތްތަކެއް މި މަމަހުތެރޭގައި ފަށްޓަވާނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.