ޚަބަރު

ރައީސް ނަޝީދާ ދެކޮޅަށް ހުސައިން ޝަހީމް ހުށައެޅުއްވި މައްސަލަ ބަލައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ހަގީގަތް ފޮރުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ސަރުކާރަށް ވާގިވެރިވާކަމަށް ވިދާޅުވެ އެމަނިކުފާނު ކުރެއްވި ތުހުމަތުތަކަށް ފިޔަވަޅު އަޅައިދިނުމަށް ހުށައެޅި މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައިގެންފިއެވެ.

މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް ތާޢީދުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ. އަދި އެމައްސަލަ ބެލުމަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާގެ ރޭވުންތައް ފޮރުވުމުގައި މެންބަރު ޙުސައިން ޝަހީމް ސަރުކާރަށް ވާގިވެރިވާކަމަށެވެ. މިތުހުމަތުތަކާއި ގުޅިގެން ޙުސައިން ޝަހީމް ވަނީ އޭނާގެ ނަން ތަހުގީގު ރިޕޯޓާއި އިންކުއަރީ ރިޕޯޓްގައި އޮތްތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ތުހުމަތުތަކާއި ގުޅިގެން މި މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައިދިނުމަށް އެދި ޙުސައިން ޝަހީމް ހުށައެޅުއްވި މައްސަލާގައި ވަނީ އޭނާގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތުތަކަކީ އިމްތިޔާޒު ލިބިވަޑައިގަންނަވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީވެސް ޤާނޫނު އަސާސީއާއި ކަމާއި ގުޅުންހުރި ޤާނޫނުތަކާއި ހުދޫދުގެ ތެރެއިން ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއްކަމަށެވެ. ޝަހީމް ވަނީ އޭނާއަށް ތުހުމަތުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރެއްވި ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެ ތުހުމަތުތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.