ލުބުނާނުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ޙިޒުބުﷲ ޖަމާޢަތަށް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ޙިޒުބުﷲ ޖަމާޢަތުން އިންތިޚާބަށް ކުރިމަތިލާފައިވަނީ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން ގޮނޑިއާއެކުއެވެ. އަދި ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސަޢުދުލް ޙަރީރީގެ ފިޔުޗާ ޕާޓީއާއި އޭނާއަށް ތާޢީދުކުރާ ސުންނީ އެހެން ޕާޓީތަކުން އިންތިޚާބުގައި ވާދަނުކުރަން ނިންމުމުން ޙިޒުބުﷲއަށް އޮތް ތާޢީދު ވަޒަންކުރުމަށް އިތުރު ގޮނޑިތަކެއް ހޯދުމުގެ ފުރުޞަތު އެ ޖަމާޢަތަށް ލިބުނެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއިން ދައްކައި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 65 ގޮނޑި ޙިޒުބުﷲއަށް ކާމިޔާބެއް ނުކުރެވެއެވެ. އެ ޖަމާޢަތާއި އެ ޖަމާޢަތާ އިއްތިޙާދުވެފައިވާ ޕާޓީތަކަށް ކާމިޔާބުކުރެވިފައިވަނީ 62 ގޮނޑިއެވެ. އެހެންކަމުން އެ ޖަމާޢަތަށް އޮތް ހަމައެކަނި އުއްމީދަކީ އަމިއްލަ ގޮތުން ވާދަކޮށްގެން ގޮނޑި ކާމިޔާބުކުރި ބައެއް ކެނޑިޑޭޓުންގެ ތާޢީދެވެ.
ލުބުނާނުގައި ބޭއްވި އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ އަމިއްލަ ކެނޑިޑޭޓުންނެވެ. އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ވަޢުދުވެ އިންތިޚާބުގައި ވާދަކުރި އަމިއްލަ 16 ކެނޑިޑޭޓުންވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ލެބަނީސް ފޯސާސް، އެލްއެފުންނެވެ. އެ ޕާޓީންވަނީ އިތުރަށް ފަސް ގޮނޑި ހޯދައި ޖުމުލަ 20 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއާއެކު އެ ޕާޓީވާނީ ޤާނޫނުހަދާ މަޖިލީހުގައި އޮތް އެންމެ ބޮޑު ނަޞާރާ ޕާޓީއަށެވެ. މީގެ ކުރިން މަޖިލީހުގައި އޮތް އެންމެ ބޮޑު ނަޞާރާ ޕާޓީއަކީ ޙިޒުބުﷲއާ އިއްތިޙާދުވެފައިވާ ފުރީ ޕެޓުރިއޮޓިކް މޫވުމަންޓު، އެފްޕީއެމެވެ. އެ ޕާޓީއަށް ކާމިޔާބުކުރެވުނީ 18 ގޮނޑިއެވެ.
ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތައް ގިނަ ޕާޓީތަކަކަށް ބެހިގެން ދިޔުމަކީ އެ ޤައުމުގައި އައު ބޮޑުވަޒީރެއް ޢައްޔަނުކޮށް ސަރުކާރެއް އެކުލަވާލުމަށް ހުރަސްއެޅޭނެކަމެކެވެ. 2018ވަނަ އަހަރުގެ އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާލުމުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ދެ ފަހަރެއްގެމަތިން ބޮޑުވަޒީރުން ޢައްޔަނުކުރަންޖެހުނެވެ.
ލުބުނާނުގެ ސިޔާސީ މައްސަލަތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވަނީ އެ ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެހީވުމަށް ފަސްޖެހިފައެވެ.