ޚަބަރު

މިފްކޯއަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިފްކޯއަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ 2020 ވަނަ އަހަރު ލިބުނު 1 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މިފްކޯއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ މަސް ގަތް އަދަދާއި މަސް އެކްސްޕޯޓުކުރި އަދަދު އިތުުރުވުމާއި ގުޅިގެން ކަމަށެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރުތެރޭ ރެކޯޑު އަދަދަކަށް މަސް ކިރުވާފައެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއިން ވަނީ 58250 ޓަނުގެ މަސް ވަނީ ގަނެފައެވެ. އަދި ރޯމަހުގެ ގޮތުގައި 47000 ޓަނު ވަނީ ރާއްޖެއިން އެކްސްޕޯޓުކޮށްފައެވެ.

މިފްކޯއިން މިއަހަރަށް ލަފާކުރާ އާމްދަނީ އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން މަސް ގަނެފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން އުއްމީދަކީ މިދިޔަ އަހަރަށްވުރެ ރަނގަޅު އާމްދަނީއެއް މިއަހަރު ހޯދުންކަމަށް އިސްމާއިލް ވިދާޅުވިއެވެ.

" ފުރަތަމަ ކުއާޓަރުގައިވެސް ޓާގެޓު ކުރި އަދަދަށްވުރެ އިތުރަށް މަސް ގަނެފައިވަނީ، އެހެންކަމުން އުއްމީދަކީ މިއަހަރު މިދިޔަ އަހަރަށްވުރެ ރަނގަޅު އާމްދަނީއެއް ހޯދުން،" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ވަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މިދިޔަ އަހަރުތެރޭ ދެ ބޯޓު ގަނެފައެވެ. އެގޮތުން 2500 މެޓްރިކް ޓަނުގެ މަސް ގަނޑުކުރުމުގެ ޤާބިލްކަން ހުރި ކާގޯ ބޯޓަކާއި، 100 މެޓްރިކް ޓަނުގެ މަސް ގަނޑުކުރުމުގެ ޤާބިލްކަން ހުރި މަދަރ ވެސަލްއެއްވަނީ ގަނެފައެވެ.

ހުސްވި އަހަރުތެރޭ 4 މިފްކޯއިން ވަނީ 4 އައިސްޕްލާންޓެއް އަލަށް ހުޅުވާފައެވެ. އަލަށް އައިސް ޕްލާންޓުތައް ހުޅުވާފައިވަނީ ރ. މަޑުއްވަރީ، ހއ. ހޯރަފުށީ، ކ.ގާފަރު އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައެވެ. މިއީ 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓުތަކެކެެވެ.