ޚަބަރު

އިތުރު ފަސް ރަށެއްގެ އަންހެނުންގެ ކޮމިޓީގެ އިންތިޚާބު ބާއްވަނީ


އިތުރު 5 ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ޖުލައި މަހުގެ 2 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްޤީގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް އަވަސްއަވަހަށް ބާއްވަމުންދާއިރު، މިކަމަށް އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ވިލިމާލެ ދައިރާގެ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުވެސް ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުލިބުމުގެ ކަންބޮޑުވުންވެސް އެކޮމިޝަނުން ފާޅުކޮށްފައިވެއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ބޮޑު ޚަރަދެއްކުރަންޖެހޭ ކަމަކަށްވާތީ ޤާނޫނީގޮތުން މިކަމަށް ހައްލެއް ގެނައުމުގެ ވިސްނުން ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް މެންބަރުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކޮށްފައެވެ.