ޚަބަރު

އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއް އެމެރިކާއިން ތަޖުރިބާކޮށްފި


އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕަސޯނިކް މިސައިލެއް އެމެރިކާއިން ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފިއެވެ.

އެމެރިކާގެ ވައިގެ ސިފައިން ފައުޖުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާމިޔާބުކަމާއެކު ހައިޕަސޯނިކް މިސައިލެއް ތަޖުރިބާކުރުމަށް ބޭނުންކޮށްފައިވަނީ ބީ52 މަރުކައިގެ ބޮންއަޅާ ހަނގުރާމަމަތީ މަތިންދާބޯޓެއްކަމަށެވެ. އަދި މަތިންދާބޯޓުން މިސައިލް ދޫކޮށްލުމުން އެ މިސައިލް އަޑަށްވުރެ ފަސްގުނަ ބާރުބިނުގައި ދަތުރުކުރިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ހައިޕަސޯނިކް މިސައިލެއް އެމެރިކާއިން ތަޖުރިބާކޮށްފައިވަނީ ރައްދުގައި ރަޝިޔާއިން ޢަމަލުކޮށްފާނެ ގޮތަކަށް ބެލުމަށް އެތައް ފަހަރަކު ފަސްކުރުމަށްފަހުއެވެ. ރަޝިޔާއިންވެސްވަނީ ދާދިފަހުން ހައިޕަސޯނިކް މިސައިލެއް ތަޖުރިބާކޮށްފައެވެ. އަދި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައިވެސް މަދުން ނަމަވެސް ރަޝިޔާއިންވަނީ ހައިޕަސޯނިކް މިސައިލް ބޭނުންކޮށްފައެވެ.

އެމެރިކާއާއި ރަޝިޔާގެ އިތުރުން ޗައިނާއާއި އުތުރު ކޮރެޔާއިންވެސްވަނީ ހައިޕަސޯނިކް މިސައިލް އުފައްދައިފައެވެ. އެ ގޮތުން ދާދިފަހުން އުތުރު ކޮރެޔާއިންވެސްވަނީ ހައިޕަސޯނިކް މިސައިލެއް ތަޖުރިބާކޮށްފައެވެ.