ބޯހިމެނުމުގެ މަސައްކަތުގައި އުޅެދޭނެ މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އިއުލާންކޮށްފިއެވެ. މި މަސައްކަތަށް 4000 ވުރެ ގިނަ މީހުން ބޭނުންވާކަމަށް އެ ބިއުރޯއިން ވިދާޅުވެއެވެ.
ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ. މި މަސައްކަތައް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް މި ވަނީ ފަށާފައެވެ. މި މަސައްކަތައް ޖުމްލަ 4400 މީހުން ބޭނުންވެއެވެ. އެއީ މާލޭ ސަރަހައްދަށް ބޭނުންވާ 2409 މީހުންނާއި އަތޮޅުތަކުގައި މަސައްކަތް ކުރާނެ 1991 މީހުންނެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމަށް މީހުން އަންނަނީ ރަޖިސްޓްރީވަމުންނެވެ. އެހެންނަމަވެސް މި މަސައްކަތް ކުރުމަށް މާލޭ ސަރަހައްދަށް 1826 މީހުންނާއި އަތޮޅުތަކަށް 269 މީހުން އަދިވެސް ބޭނުންވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް ވިދާޅުވެއެވެ.
Register online via https://t.co/JZE7qP1fUN https://t.co/5puXmX7Z76
— Statistics Maldives (@statsmaldives) May 16, 2022
ބޯހިމެނުމުގެ މަސައްކަތައް ނުކުންނަ މީހުންނާއި ބޭނުންވާ ތަމްރީނުތަކާއި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ވަނީ ކަނޑައަޅާފައެވެ. މަސައްކަތައް ނެރުމުގެ ކުރިން ހިންގާ ތަމްރީނުތަކަށް ނުކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 31 ގެ ކުރިން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް ގައި ރެޖިސްޓްރީވުމަށް އެ ބިއުރޯއިން އެދެއެވެ.
މިއަހަރުގެ ބޯހިމެނުމަށް ތައްޔާރުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތުން މި މަސައްކަތައް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އޮގަސްޓްމަހު ފަށާނެއެވެ. ފުރަތަމަ ތަމްރީނުތައް އޮންނާނީ އަތޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މި ތަމްރީނުތައް އޮންނާނީ އޮގަސްޓްމަހުއެވެ. މާލޭގައި މަސައްކަތް ކުރާ މީހުންގެ ތަމްރީނުތައް އޮންނާނީ އޮގަސްޓްމަހާއި ސެޕްޓެމްބަރު މަހުގެތެރޭގައެވެ.
ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.