ޚަބަރު

އަންނަ މަހުން ފެށިގެން ކޮންމެ 15 މިނެޓަކުން ފޭސް 2 އަށް ބަސް އޮންނާނެ


އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ 15 މިނެޓަކުން ހުޅުމާލެ ފޭސް 2ކަށް ބަސްދަތުރުތައް އޮންނާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ 2ވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމުގައި ކުރައްވާ މަސައްކަތުގެ ދަށުން އިތުރު ބަސްތަކެއް ވަނީ ގެނެސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަންނަ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށްޓަކަށް މިހާރު ދިމާވާ ތަކުލީފްތަކަށް ނިމުން އައިސް ދާއިމީ ހައްލު ލިބިގެން ދާނެކަމަށެވެ. ވަކިން ޚާޢްސަކޮށް ސްކޫލްއަށްދާ ދަރިވަރުންނަށާއި ވަޒީފާތަކަށް ދާ މީހުންނަށް ބޮޑު ފަސޭހައެއް އަންނަ މަހުން ފެށިގެން ލިބިގެންދާނެކަމަށެވެ. އާޒިމް ވިދާޅުވީ އަންނަ މަހުން ފެށިގެން ކޮންމެ 10 ނުވަތަ 15 މިނެޓަކުން ފޭސް 2އަށް ބަސް ދަތުރުތައް އޮންނާނެކަމަށެވެ. މިގޮތުން މިހާރުވެސް ދަތުރުކުރާ ފަދައިން 2 ރޫޓުން ދަތުރުކުރަމުން ގެންދާނެކަމަށެވެ. އެއީ ހުޅުމާލެއިން މާލޭ ވެސްޓް ޕާކަށާއި ކާނިވާ ސަރަހައްދަށެވެ.

އާޒިމް ވިދާޅުވީ މާލޭގައި ސްކޫލް ބަސްތައްބޭވުމަށް ދަތިވާ ސަބަބކީ އެކި ދަރިވަރުން އެކި ވަގުތުތަކުގައި ސްކޫލްތަކަށް ދާން ޖެހުމާއި ސްކޫލް ކައިރިއަށް ބަސް މަޑުކުރަން އުނދަގޫވާނެތީކަމަށެވެ. ބަހުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަސްތައް މިހާރު ވަނީ މާލެ ގެނެސްފައެވެ. ބަހުގެ ޚިދުމަތް ފުޅާކުރުމަށް މިހާރު ގެނެސްފައިވަނީ 84 ޖާގައިގެ ޑަބަލްޑެކަރ 15 ބަހެވެ. އަދި މިހުރިހާ ބަސްތައް އޮޕަރޭޝަނަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެސަރަޙައްދުގައި އެކަށީގެންވާ ރަނގަޅު ފެންވަރުގެ ދަތުރުފަތުރުގެ ޚިދުމަތެއް ނެތުމެވެ. އޭގެ ސަބަބުން ކުދިން ސްކޫލަށް ގެންދިޔުމަށް ގިނަ ވަގުތުތަކެއް ބެލެނިވެރިން ބަހުގެ އިންތިޒާރުގައި ތިބެންޖެހުމުގެ ޝަކުވާވައާއި ބަހުން ޖާގަ ނުލިބުމުގެ ޝަކުވާވެސްވަނީ ބޮޑުވެފައެވެ.