ވިޔަފާރި

80% އަށްވުރެ ގިނަ ދަނޑުވެރިން ސްޓާޓްއަޕް ޕެކޭޖް ނަގައިފި


އެގްރޯނެޓާއެކު މަސައްކަތްކުރާ ދަނޑުވެރިންގެ ތެރެއިން %80 އަށްވުރެ ގިނަ ދަނޑުވެރިން ސްޓާޓްއަޕް ޕެކޭޖް ނަގާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގްރޯނެޓްގެ ސްޓާޓްއަޕް ޕެކޭޖަކީ ދަނޑުވެރިޔާ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެކިއެކި އަލާތްތަކާއި ތަކެއްޗެވެ.

އެގްރޯނެޓްގެ ސްޓާޓްއަޕް ޕެކޭޖް ތައާރަފްކޮށްފައިވަނީ އެ ކުންފުނީގެ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާއެކުއެވެ. އެގްރޯނެޓްއިން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓްއަޕް ޕެކޭޖް" ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ ރީޖަނަލް މެނޭޖަރ ނާދިއާ އަބްދުﷲ ވިދާޅުވީ، ކޮންޓްރެކްޓް ފާމިންގ ޕްރޮގްރާމްގެ ދަށުން އެގްރޯނެޓާއިއެކު މަސައްކަތް ކުރުމަށް ދަނޑުވެރިޔާ ސޮއިކުރާ ހިސާބުން ދަނޑުވެރިޔާ ދަނޑަށް ވަނުމަށްޓަކައި ބޭނުންވާނެ ކާނާއާއި ބޭހާއި، އާލާތްތައް ސްޓާޓްއަޕް ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ފޯރުކޮށްދޭކަމަށެވެ. މި ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ދޫކުރާ އާލާތްތަކުގެ އަގު ދެއްކުމަށް 2 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނާދިއާ ވިދާޅުވީ، މި ޕެކޭޖްގެ ދަށުން ދަނޑުވެރިޔާއަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ އެގްރޯނެޓުން ތަކެތި ދޫކުރަނީ މާކެޓްގައި ހުންނަ އަގަށްވުރެ %20 ހެޔޮކޮށްކަމަށްވުމެވެ. އެގޮތުން ބާޒާރުގައި 100 ރުފިޔާއަށް ލިބޭ ތަކެތި މި ޕެކޭޖްގެ ދަށުން ދަނޑުވެރިޔާއަށް ލިބޭނީ 80 ރުފިޔާއަށެވެ. ނާދިއާ ވިދާޅުވީ، ކޮންޓްރެކްޓް ފާމިންގައި މަސައްކަތްކުރާ ދަނޑުވެރިންގެ ތެރެއިން %80 ދަނޑުވެރިން މިހާރު ސްޓާޓްއަޕް ޕެކޭޖް ނަގާފައިވާކަމަށެވެ.

"އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތްކުރާ ދަނޑުވެރިންގެ ތެރެއިން %80 އަށްވުރެ ގިނަ ދަނޑުވެރިން ސްޓާޓްއަޕް ޕެކޭޖް ނަގައިފި. އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޭހާއި ކާނާއާއި މާކެޓުން ލިބުމުގައި ދިމާވާ ދަތިތައް. އެދަތިކަމާއިހުރެ އަޅުގަނދުމެންނަށް ކޮންމެވެސް ވަރަކަށް ޑިލޭތަކެއް އައިނަމަވެސް މިހާރު މިއަހަރުތެރޭ އަޅުގަނޑުމެންނަށް ރިކުއެސްޓްކުރި 90 އިންސައްތައަށްވުރެ ގިނަ ދަނޑުވެރިންނަށް ސްޓާޓަރ ޕެކް ޕްރޮވައިޑް ކޮށްދެވިއްޖެ." ނާދިއާ ވިދާޅުވިއެވެ.

ސްޓާޓްއަޕް ޕެކޭޖްގެ ދަށުން މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. އެގްރޯނެޓުގެ ފަންނީ އެހީއާއި ހިލޭދެވޭ މުޑުވަކާއި ސްޓާޓަރ ޕެކްތަކާއެކު ގިނަ ޢަދަދެއްގެ ދަނޑުވެރިން މިހާރު ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ކުރަމުންދާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

އެގްރޯނެޓުން މިހާތަނަށް ރާއްޖޭގެ 68 ރަށަކަށް ދަތުރުކޮށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއާގުޅޭ މައުލޫމާތާއި ދަނޑުވެރިކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އެގްރޯނެޓްގައި 2000 އަށްވުރެ ދަނޑުވެރިން މިހާރުވެސް ވަނީ ރަޖިސްޓްރީވެފައެވެ. އެ ކުންފުންޏާއެކު ސޮއިކޮށްގެން 1000 ދަނޑުވެރިން މަސައްކަތް ކުރާއިރު، އޭގެތެރެއިން ދަނޑުގައި ތަކެތި އިންދައިގެން މަސައްކަތްކުރާ 300 އަށްވުރެ ދަނޑުވެރިން އެބަތިބިކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.