ޚަބަރު

ދިގުރަށުގައި ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި


އދ.ދިގުރަށުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ދިގުރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިގުރަށުގައި އިމާރާތްކުރާ މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އަދި އެ މިސްކިތަކީ 300 މީހުންގެ ޖާގަ އޮންނަ މިސްކިތެއްކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 7.3 މިލިއަން ރުފިޔާއަށެވެ.

އދ. ދިގުރަށުގައި ޒަމާނީ ފަރުމާއަކަށް އިމާރަތްކުރާ މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މި އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމަންޖެހޭ އެންމެ ފަހުގެ ތާރީޙަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ.

އދ. ދިގުރަށު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ކައުންސިލްގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އާބާދީ ކުޑަނަމަވެސް އެރަށްރަށުގައިވެސް ޙިދުމަތްތައް ފުޅާކޮށް ވަސީލަތް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.