ޚަބަރު

އިންޓަނެޓު މެދުވެރިކޮށް ކުށްކުރާ މީހުންނާމެދު ސަމާލުވޭ!


ސައިބަރ ކްރައިމް ނުވަތަ ކޮމްޕިއުޓަރ ޓެކްނޮލޮޖީބޭނުންކޮށްގެން އިންޓަނެޓު މެދުވެރިކޮށް ކުރާ އެކިބާވަތުގެ ކުށްތަކަކީ މިހާރު މުޅި ދުނިޔޭގައިވެސް ކުށްތަކުގެ އެންމެޢާންމު އަދި އެހާމެ ނުރައްކާތެރި އެއް ދާއިރާއެވެ. މީގެ ސަބަބުން ހީނުކުރާފަދަ ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ވިސްނާލަން ޖެހޭ ކަމަކީ ތިމާގެ އަމިއްލަ ޒާތީ މައުލޫމާތުތައް އިތުބާރު ނުކުރެވޭ ފަރާތަކަށް ލިބުމަކީ އިންޓަނެޓުގެތެރެއިން ވައްކަންކުރާ މީހުންނަށާއި ހެކަރުންނަށް ހުޅުވާލެވޭ ދޮރެއްކަމެވެ. އޭގެ ނާޖާއިޒު ފައިދާ ނަގައި މީހުންގެ ބޭންކު އެކައުންޓުތަކުން ވައްކަންކުރުމަކީ މިހާރު ރާއްޖޭގައިވެސް ވަރަށް ޢާއްމު ކަމެކެވެ.

އިންޓަނެޓުގެ ދުނިޔޭގައި ހިނގާ އެކިއެކި އޮޅިތަކާއި ވިއުގަތަކުގައި އުޅޭ އެންމެންނަކީ މި މާޙައުލުގައި ހިނގާހާ ކަންކަމަށް އަހުލުވެރި ހޭލުންތެރި ބައެއް ނޫނެވެ. އެހެންކަމުން ހޭލުންތެރިކަން ކުޑަ މީހުންނާއި ފަސޭހައިން "ވާވައްދާލެވޭ" މީހުން ހެކަރުންގެ މަޅީގައި ޖެހެއެވެ. ޝަޚުސު އޮޅުވާލައިގެން މަކަރާއި ޙީލަތުން މީހުންގެ ބައެއް މުހިންމު ޒާތީ މަޢުލޫމާތާއި، ޢާއްމުވާން ނޭނދޭފަދަ ފޮޓޯއާއި ވީޑިއޯ މިދެންނެވިފަދަ މީހުން ހޯދައެވެ. އަދި އެތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރެއެވެ. މީހާ ބޭޒާރުކޮލާނެކަމަށް ބުނެ ނުވަތަ ބޮޑު ގެއްލުމެއް ދޭނެކަމަށްބުނެ ބިރުދައްކައިގެން ފައިސާގެ ބޮޑެތި ޢަދަދުތައް ހޯދުމާއި، ގަދަކަމުން ހަށިވިއްކުވުމާއި، ވައްކަމާއި ފޭރުމުގެ އެކި ކުށްތައް މީހުންލައްވައި ކުރުވައެވެ. މިފަދަ އެތައް ކުށެއް ދިވެހި މުޖުތަމަޢުގައިވެސް ހިނގާކަން ގިނަބަޔަކު ދަނެއެވެ.

ޙާލަތު މިހިސާބަށް ގޮސްފައިވާއިރުވެސް "ސައިބަރ ކްރައިމް"އަކީ ކޮބައިކަންވެސް ގިނަބަޔަކަށް ނޭނގެއެވެ.

ހޭލުންތެރިވުން މުހިންމު!

ސައިބަރ ކްރައިމްއަކީ ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންޓަރނެޓް މެދުވެރިކޮށް ކުރާ އެކިބާވަތުގެ އެތައް ކުށެކެވެ. މިފަދަ ކަންކަމަކީ ދިވެހިރާއްޖެއާއި ދުނިޔޭގެ ހުރިހާތަނެއްގައިހެން ޤާނޫނީގޮތުން މަނާކޮށްފައިވާ ބޮޑެތި ކުށްތަކެވެ. އެހެންނަމަވެސް މިފަދަ ބައެއް ކަންކަމަކީ ކުށްކަމެއް ބައެއް މީހުންނަކަށް ނުވެސް އެނގެއެވެ. އެހެންކަމުން މިއީ ހޭލުންތެރިވެ ސަމާލުވާންޖެހޭ ކަމެކެވެ.

ކުށުގެ ޢަމަލުތަކުގެ ތެރެއިން ރާއްޖޭގައި ސައިބަރ ކްރައިމްގެ ގޮތުގައި ބަލަނީ ރާއްޖޭގެ ޤާނޫނަކުން މަނާކޮށްފައިވާ ކުށުގެ ޢަމަލުތަކުގެ ތެރެއިން އަމަލެއް, ކޮމްޕިއުޓަރެއް ނުވަތަ ކޮމްޕިއުޓަރުގެ ވިއުގައެއް ބޭނުންކޮށްގެން ހިންގުމަށެވެ.

ސައިބަރ ކްރައިމްގެ ބާވަތްތައް ވަަރަށް ގިނައެވެ. އަދި ސައިބަރ ކްރައިމްގެ އަމަލުތައް ހިންގުމަށް ބޭނުންކުރެވޭ ތަކެއްޗާއި އުކުޅުތައް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުންނެވެ. މިފަދަ ކުށްވެރިންގެ އަމާޒަކަށް ވަކިވަކި ފަރުދުންނާއި, ވިޔަފާރިތަކާއި ސަރުކާރުތައްވެސް އަންނަނީވަމުންނެވެ.

ސައިބަރ ކްރައިމްގެ ބާވަތްތަކަކީ ކޮބާ؟

  • ޑޭޓާ ފޮހެލުން، ޙަލާކުކުރުން، ވަގަށްނެގުން
  • ކޮޕީރައިޓުން ވައްކަންކުރުން، ފޭރުން ނުވަތަ ގެއްލުންދިނުން
  • މެލްވެއަރ ޑިސްޓްރިބިއުޝަން (އިންޓަނެޓް ވައިރަސް ހިމަނައިގެން ލިޔެކިއުމާއި އެނޫންވެސް ތަކެތި ފޮނުވުން)
  • ކްރިޕްޓޯޖެކިންގ (އިންޓަނެޓް މެދުވެރިކޮށް ކޮމްޕިއުޓަރ ކައިޖެކް ކުރުން)
  • ޑީޑޮސް އެޓޭކްސް (އޮންލައިން ޚިދުމަތްތަކާއި ވެބްސައިޓުތައް ހުއްޓުވާލުން)
  • ހެކް ކުރުން
  • ގްރޫމިންގ (ކުޑަކުދިން ހައްލާލައި އިތުބާރު ހޯދައިގެން ޖިންސީ ގުޅުމެއް ހިންގުން)
  • ހަނގާކުރުން / ގަނާކުރުން
  • ޓެރަރިޒަމްގެ ޢަމަލްތައް
  • ބްލެކްމެއިލްކުރުން
  • މަކަރާއި ހީލަތްހެދުން
  • ޝަޚުސު އޮޅުވާލުން

ކުށްކުރާ މީހުންނާމެދު ފިޔަވަޅޫ އަޅައި އެތައްކަމެއް ކުރާއިރުވެސް ސައިބަރ ކްރައިމް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މިކަން މިހެން ދިމާވަނީ، ސްޕޭމްތަކަށް މީހުން ޖަވާބުދީ، ނުދަންނަ މީހުން ފޮނުވާ ތަކެތި ހުޅުވައި، މިފަދަ އާންމުއެތައްކަމެއް ކުރެވޭތީއެވެ. އެހެންކަމުން ހާމަކުރަން ނޭދޭ ޒާތީ އެއްވެސް މައުލޫމާތެއް މީހުންނަށް ނުފޮނުވަމީ ވަރަށް މުހިންމު ކަމެކެވެ. އަދި ކްރެޑިޓް ކާޑް ނަންބަރުފަދަ ޚައްސާސް މަޢުލޫމާތުތައް އެއްގޮތަކަށްވެސް މިފަދަ ގޮތްނޭނގޭ ފަރާތްތަކާ ހިއްސާ ނުކުރުމަށް ސަމާލުވުމަކީ ވަރަށް މުހިންމުކަމެކެވެ.

ސައިބަރ ކްރައިމް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް

  • އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ ނުރައްކާތެރި ކަންކަމާ ބެހޭ މައުލޫމާތު އަމިއްލައަށް އުނގެނި ދަސްކޮށް އެއިން ރައްކާތެރިވާނެ ގޮތް ހޯދުން
  • ސެކިއުރިޓީ ސޮފްޓްވެއަރއާއެކު ލިބޭ ފަޔަރވޯލް ބޭނުން ކުރުމުގައި ސަމާލުވުން
  • އިންޓަރނެޓް ބޭނުން ކުރަމުންދާއިރު ނުދަންނަ މީހުން ފޮނުވާ ލިންކުތައް ނުހުޅުވުން
  • އިންޓަނެޓަށް ވަދެ އުޅޭ އުޅުމުގަ އެމީހެއްގެ ޒާތީ މައުލޫމާތު ގޮތްނޭނގޭ މީހަކާ ހިއްސާ ނުކުރުން
  • ވެބްސައިޓަކަށް ވަދެގެން ވިޔަފާރިކުރާނަމަ ކްރެޑިޓް ކާޑުގެ މައުލޫމާތާއި އެހެނިހެން މައުލޫމާތު ދިނުމުގެ ކުރިން އެއީ ކޮންކަހަލަ ވެބްސައިޓެއްތޯ ބަލައި ޔަޤީންކުރުން
  • ސެކިއުރިޓީ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ކޮމްޕިއުޓަރ އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ތިމާގެ އިލެކްޓްރޯނިކް ވަސީލަތްތައް އެހެން މީހަކު ބޭނުންކުރަން ނުދިނުން
  • އިންޓަރނެޓަށްވަދެ އުޅުމުގައި، އެކި ވެބްސައިޓްތަކުގައި ހުންނަ އެޑްތަކަށް ކްލިކް ނުކުރުން
  • ތިމާ ގެންގުޅޭ ސްމާޓްފޯނު، ލެޕްޓޮޕް، ޓެބްލެޓް ފަދަ ތަކެތީގައި ޕާސްކޯޑް (ލޮކް ކޯޑް) ބޭނުން ކުރުން
  • އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކުރުން

އިސްވެ ބަޔާންކުރި ކަންތައްތަކަށް ސަމާލުކަންދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަކީ ސައިބަރ ކްރިމިނަލުންގެ ކިބައިން ސަލާމަތްތެރިކަން ލިބިގަތުމަށް ކޮށައިލެވޭ މަގެކެވެ. ކޮންމެ ފަރުދަކީވެސް ސައިބަރ ކްރައިމްގެ ނުރައްކާތެރިކަން ދަނެގެން ތިމާއާއި ތިމާގެ ކޮމްޕިއުޓަރަށް ރައްކާތެރިވާ މީހަކަށް ވާނެ ޖެހެއެވެ.

ސައިބަރ ކްރައިމްގެ އަމަލުތަކަކީވެސް އެހެން ކުށުގެ އަމަލުތައް ފަދައިން އެކަން ކުރާ ބައެއްގެ އަމިއްލަ ފައިދާއަށް ނުވަތަ ޒާތީ ބޭނުމެއް ފުއްދުމަށް ހިންގާ އަމަލުތަކެކެވެ. ނަމަވެސް އެހެން ބާވަތްތަކުގެ ކުށްތަކާއި ހިލާފަށް ސައިބަރ ކްރައިމް އަމާޒުކުރެވޭ ފަރާތްތައް ތަފާތެވެ.

ސައިބަރ ކްރައިމްގެ އަމަލްތައް އަމާޒުވާ ފަރާތްތައް

  • ކުންފުނިތަކާއި ވިޔަފާރިކުރާ ފަރާތްތަށް
  • މުއައްސަސާތައް
  • ދައުލަތުގެ އިދާރާތައް
  • މާލީ އިދާރާތައް
  • ސިޔާސީ ފަރާތްތައް
  • ޖަމްޢިއްޔާ ، ޖަމާޢަތްތައް
  • ފުރާވަރުގެ ކުދިން

ސައިބަރ ކްރައިމްގެ މައްސަލަތަކުގެ ގޮތުގައި ރާއްޖޭގައި އެންމެޢާންމުކޮށް ފުލުހުންނަށް ހުށަހަޅަނީ، ފޭކް އެކައުންޓުގެ މައްސަލަތަކާއި މީސްމީޑިޔާ މެދުވެރިކޮށް މީހުންނަށް ބިރު ދެއްކުމާއި މީހުންގެ އަބުރު ކަތިލުމާއި މީހުންގެ ހުއްދަޔާ ނުލައި އެކި ގޮތްގޮތަށް އެމީހުންގެ ފޮޓޯ ބޭނުންކުރުމުގެ މައްސަލަތަކެވެ. އެހެންކަމުން ސައިބަރ ކްރައިމްގެ މައްސަލަތަކުން ސަލާމަތްވުމަށް މުޖުތަމައު ހޭލުންތެރިކުރުވުމަކީ ކުރެވޭނެ އެންމެ މުހިންމު އެއްކަމެވެ.