ޚަބަރު

ފަލަސްތީނުގެ ޙާލަތާއިމެދު ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި


އިރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީއަށާއި މަޝްހަދްގައި ހުންނަ ކޮންސިއުލޭޓް އޮފީހަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިޔަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން - އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ޚާއްޞަ ބައްދަލުވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އެކި ޤައުމުތަކުގައި ހުންނަ އެހެން ޤައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ރައްކާތެރި ކުރުމާއި، އެތަންތަނުގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭ ފަދަ ކަންކަމުން ރައްކާތެރި ކުރުމަކީ އެ ތަންތަން ހުންނަ ޤައުމެއްގެ ޒިންމާއެއްކަމަށެވެ. ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީއަށް ޙަމަލާދިން ފަރާތްތައް ވީ އެންމެ އަވަހަކަށް ހޯދައި، އެމީހުން ޢަދުލުއިންޞާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ޚާރިޖީ ވަޒީރު ދުންޔާ ގޮވާލައްވާފައިވެއެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މި މައްސަލައިގައި މަސްލަޙަތު ހިމެނޭ ހުރިހާ ފަރާތަކަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ޚާރިޖީ ވަޒީރުގެ ބަޔާނުގައި ވިދާޅުވިއެވެ. އަނެއްކޮޅުން މިބައްދަލުވުމުގައި އެޖެންޑާކޮށްފައިވާ ދެވަނަ މަޝްވަރާގެ މަޢުޟޫޢުކަމަށްވާ، އިސްރާއީލްގެ ޔަހޫދީން ފަލަސްތީންގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މި ޢަމަލްތަށް ޚާރިޖީ ވަޒީރު ދިވެހި ދައުލަތުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަށް ހުރިހާ ޤައުމަކުންވެސް އެއްބާރުލުން ދިނުމަށް ދިވެހި ޚާރިޖީ ވަޒީރު ގޮވާލައްވާފައިވެއެވެ.މީގެ އިތުރުން މުސްލިމް އުންމަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން އިސްލާމްދީނުގެ ނަމުގައި ދެމުންދާ ޓެރަރިސްޓް ޙަމަލާތަކާއި އެހެނިހެން ޢުދުވާންތައްކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އަދި އިސްލާމްދީނަކީ އެއްބައިވަންތަކަން، އަޚުވަންތަކަން އަދި އެހެން ދީންތަކަށް އިޙުތިރާމް ކުރުމާއި އިންސާނިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ، މިކަންތައްތައް ކުރިއެރުވުމަށް އަބަދުވެސް ބާރުއަޅާ ދީނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.އަދި ހުރިހާ ޤައުމަކުންވެސް ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލްތައް ހުއްޓުވުމަށް، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް މިނިސްޓަރ ދުންޔާ ގޮވާލައްވާފައިވެއެވެ. މިނިސްޓަރގެ ބަޔާން ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރުން އަބަދުވެސް ހުރިހާ ޤައުމެއްގައި ދިމާވާ ހަމަނުޖެހުންތަކުގައިވެސް މަޝްވަރާއާއި ޞުލްޙައިގެ އެއްބަސްވުންތަކަށް ދިއުމަށް ބާރު އަޅާކަމަށް ފާހަގަކުރައްވައި، މިމޭރުމުން މަސައްކަތް ކޮށްފިނަމަ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމަށް ވިދާޅުވަމުންނެވެ.މެމްބަރު 57 ޤައުމު ހިމެނޭ އޯއައިސީއަކީ، އިސްލާމީ ޤައުމުތައް ތަމްސީލްކުރާ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. މިޖަމްޢިއްޔާއަކީ، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން މުސްލިމް ޤައުމުތަކަށް އަދި އެޤައުމުތަކުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެކި މަޝްވަރާކޮށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ރާއްޖެއިން އޯއައިސީގެ މެންބަރަކަށް ވެފައިވަނީ، 26 ޖުލައި 1976 ގައެވެ.