މުނިފޫހިފިލުވުން

ޔޫއޭއީގެ ރައީސް އަވަހާރަވުމުން، އައިފާ އެވޯޑްސް ތާރީހު ފަހަތަށް


އިންޑިއާގެ ފިލްމުތަކަށްދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ އެވޯޑްސް "އައިފާ" ބޭއްވުން ފަސްކޮށްފިއެވެ.
މި އެވޯޑް ނައިޓް އެންމެފަހުން ބާއްވާފައިވަނީ 2019 ވަނައަހަރުއެވެ. ކޯވިޑާއި ގުޅިގެން ހުއްޓުމަށްފަހު އަލުން ބާއްވާ އެވޯޑް ނައިޓް ތާވަލުކޮށްފައި ކުރިން އޮތީ މިމަހުގެ 20 އަދި 21 ވަނަދުވަހު ކުރިޔަށް ގެންދާގޮތަށެވެ.

އަބޫދާބީގެ ޔަޝް އައިލޭންޑުގައި ބާއްވަން ތައްޔާރުވަމުން އައި އެވޯޑް ނައިޓް ފަސްކުރީ ޔޫއޭއީގެ ރައީސް ޝައިހު ޚަލީފާ ބިން ޒައިދް އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު ޔޫއޭއީގެ ރައީސް އަވަހާރަވީ އުމުރުފުޅުން 73 އަހަރުފުޅުގައެވެ. 40 ދުވަސް ވަންދެން އެގައުމުގައި ހިތާމަފާޅުކުރަން ވަނީ ނިންމާފައެވެ.

2006 ވަނަ އަހަރު އޮތް 7 ވަނަ އައިފާ އެވޯޑްވެސް ބާއްވާފައިވަނީ ޔޫއޭއީގައެވެ. 2019 އާ ހަމައަށް މި އެވޯޑް ހަފްލާ މުޅިންވެސް ބާއްވަމުން އައީ އިންޑިއާއިން ބޭރުން ކޮންމެވެސް މަޝްހޫރު ސިޓީއެއްގައެވެ. 2019 އަހަރުގެ ހަފްލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ.

2000 ވަނަ އަހަރު ދޭން ފެށި އައިފާ އެވޯޑްގެ ފުރަތަމަ ހަފްލާ ބޭއްވީ ލަންޑަނުގައެވެ. އޭގެ ފަހުން ސައުތު އެފްރިކާ، މެލޭޝިއާ، ކޮލޮމްބޯ، ސްޕެއިން، އެމެރިކާ، ސިންގަޕޫރް، ނެދަލެންޑްސް، ކެނެޑާ، ޔޫއޭއީ އަދި މަކާކޯގައި މި އެވޯޑް ނައިޓް ވަނީ ބާއްވާފައިވެ އެވެ.