ޚަބަރު

މަންތާ މޫސުން ފެށިއްޖެ، މިއަހަރުގެ އަމާޒަކީ 12000 މީހުން


ބ.އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިން އެއަތޮޅަށް ޗުއްޓީ ހޭދަކުރުމަށް އަންނަ އެންމެ ބޮޑު އެއް ބޭނުމަކަށް ވެފައި އޮންނަނީ ހަނިފަރުބޭއަށް ގޮސް މަންތާ ނުވަތަ އެންމަޑި ބަލާލުމެވެ. ކޮންމެ އަހަރެއްގެވެސް މޭމަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް އެއީ މަންތާ މޫސުމެވެ. އެހެންކަމުން މީ ބ.އަތޮޅުގެ ގެސްޓްހައުސްތަކަށްވެސް އެންމެ ބާރުބޮޑުބޮޑުވާ އެއްދުވަސްވަރެވެ.

ދުނިޔޭގައިވެސް އެންމެ ގިނައިން އެއްސަރަހައްދަކުން އަދި މިހާ ދިގުމުއްދަކަށް މަންތާ ފެންނަ އެއްސަރަހައްދަކީ ބ.އަތޮޅުގައި އޮންނަ ހަނިފަރުބޭ ހިމެނޭ ސަރަހައްދެވެ. އެއީ ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދެކެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ބ.އަތޮޅަށް އަންނަ ފަތުރުވެރިންގެ އެންމެ ދާހިތްވާ އެއްމަންޒިލަކީވެސް މީއެވެ.

މިއީ ބ.އަތޮޅުގެ ފަތުރުވެރިކަމުގެ ޓްރޭޑް މާކްވެސްމެއެވެ. އެހެންވެ މިތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ 2021 ވަނަ އަހަރު އެތަނަށް ދިޔަ ފަތުރުވެރިންގެ އަދަދު 11000 (އެގާރަހާސް) އަށްވުރެ އިތުރުކަމަށް ބ.އަތޮޅު ބަޔޮސްފިއަ ރިޒާވްގެ ތަަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މަންޓާ މޫސުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވީ މިއަހަރުގެ އަމާޒަކީ 12000 (ބާރަހާސް) ފަތުރުވެރިން ގެނައުންކަމަށެވެ. އެގޮތުން އެތަން އިތުރަށް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރުވެސް އެސަރަހައްދު ޕްރޮމޯޓް ކުރުމުގެ ކަންކަން ކުރިއަށްދާނެ އެއީ ސްޓޭކް ހޯލްޑަރުން ނާ ބީއާރު އަދި ޓުއަރިޒަމް މިނިސްޓްރީ އާ ގުޅިގެން، އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުން އެހެންކަމުން މިއަހަރުވެސް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ" ޝާފީ އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް މި ހިތްގައިމު މަންޒިލް ބަލާލުމަށް ބ.އަތޮޅުގެ އިތުރުން ނ، ރ، ޅ، މިހަތަރު އަތޮޅުގެ ރިސޯޓްތަކުންނާ ރާއްޖޭގެ އެހެން ހިސާބުތަކުންވެސް ފަތުރުވެރިން އާދެއެވެ. މިއީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤުބޫލް މަންޒިލެކެވެ. މަންތާއާއެކު ފީނާލާ ފޮޓޯ ނަގާލުމަކީ މޫދުދެކެ ލޯބިވާ ކޮންމެ ދިވެއްސަކުވެސް ކުރަން ބޭނުންވާނެކަމެއްކަމުން އެހެން އަހަރު ތަކެކޭ އެއްގޮތައް މިއަހަރުވެސް އެފުރުސަތު ދިވެހިންނަށް ހުޅުވާލާފައިވާކަމަށް ބަޔޮސްފިއަރ ރިޒާވްއިން ބުނެއެވެ.