ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހަމަވާނެ


އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާރޭ ބަންދުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެހެންކަމުން މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައެވެ. އެމްޓީސީސީއިން ބުނީ މިޖަލްސާގައި ބައިވެރިވެވޭނީ 18 އޭޕްރީލް ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށެވެ. މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންވާ ޙިއްޞާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް، ނުވަތަ އީމެއިލް ކޮށްގެން ޖަލްސާއަށް އަމިއްލަ ހައިޞިއްޔަތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.

2021ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާއެވެ. މިއީވެސް އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދުކަމަށް އެ ކުންފުނިން ބުނެއެވެ.