މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ރާއްޖެކަހަލަ ނާޒުކު ޤައުމަކަށް ވަރަށް ބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މޭރުމުން ވާހަކަފުޅު ދެއްކެވީ "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ޕެންޑަމިކްއާއި ސަރަޙައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުން ތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކިގޮތްގޮތުން ގުޅިފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ޤައުމެއް ކަމުގައިވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ޤައުމުގައި ޤާއިމުވެ ތިބެން ބޭނުންވާކަމަށާއި އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަމާއި ބޭނުންވާ ޓެކްނޮލޮޖީ ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމާއި ދެމެހެއްޓެނިވި ތަރައްޤީއާ ތަފާތުކުރުންތައް ކުޑަކުރުމަށް މަގުފަހިވާގޮތަށް ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ޤައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ފުރުޞަތުވެސް، ފިޔަވަޅުތައް ނާޅައި ތިބެފިނަމަ، ކުރިޔަށްއޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު އ.ދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤްރީރުގައި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަލްސްއިން 2 ޑިގްރީ ސެލްސިއަސްއަށް މަތިވެއްޖެނަމަ އެއީ ރާއްޖެއަށް މަރުގެ ޢަދަބެއް އިޢުލާނުކުރުންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރު ކުރެއްވިއެވެ.
އެހެނިހެން ސްމޯލް އައިލެންޑް ޑެވެލޮޕްމެންޓް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާތަކެއްގެ މައްޗަށް ބިނާވެފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަކީވެސް ގުނައި އަދަދުނުކުރެވޭވަރަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ޤައުމެކެވެ. މި ގޮންޖެހުންތަކުގެތެރޭގައި އިންވެސްޓްމެންޓް މަދުވުމާއި، ޓެކްނިކަލް ރިސޯސްތައް އަދި ކުރިއެރުމާއިއެކު އެޑެޕްޓޭޝަންގެ ބޭނުންތައް އަމިއްލަ ޤައުމުގައި ތަރައްޤީކުރަންފެށިފައި ނެތުން ހިމެނެއެވެ. އެގޮތުން ޖީޖީއޭގެ މައިގަނޑު އެއް އަމާޒަކީ އެޑެޕްޓިވް ކެޕޭސިޓީ ތަރައްޤީކުރުމާއިއެކު ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކުގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށްދިޔަނުދީ ހިފެހެއްޓުމެވެ.
ދެދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ޔޫއެންއެފްސީސީސީ، ކޮޕް26 ޕްރެސިޑެންސީ، އިންކަމިންގ ކޮޕް ޕްރެސިޑެންސީ، ތަރައްޤީ ޤައުމުތަކުގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިޑްސް އަދި އިތުރު ނާޒުކު ތިމާވެށިތައްހުރި ޤައުމުތަކުން ބައިވެރިވެފައިވެއެވެ.