ކުޅިވަރު

އިޓާލިއަން އޯޕަންގެ ތަށި ޖޮކޮވިޗް ކާމިޔާބުކޮށްފި


އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ތަށި ސާބިއާގެ ނޯވަކް ޖޮކޮވިޗް ކާމިޔާބުކޮށްފިއެވެ.

މިއީ ދުނިޔޭގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ޖޯކޮވިޗްއަށް މިއަހަރު ކާމިޔާބު ކުރެވުނު ފުރަތަމަ ތަށްޓެވެ. އިޓަލީވިލާތުގެ ރޯމްގައި ކުރިއަށް ދިޔަ މިމުބާރާތް ޖޯކޮވިޗް ކާމިޔާބުކުރީ ފައިނަލްގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކޮށް މޮޅުވެގެންނެވެ.

މި މެޗް ޖޯކޮވިޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ސުމެއް އަދި ހަތެއް ހަޔަކުންނެވެ.

މިމެޗްގެ ފުރަތަމަ ސެޓްގައި ޖޯކޮވިޗްއަށް އެއްވެސް އުންދަގުލަކާއި ކުރިމަތި ނުވި ނަމަވެސް ދެވަނަ ސެޓް ވެގެންދިޔައީ އުނދަގޫ ސެޓަކަށެވެ. މިގޮތުން ސިޓްސިޕާސް މިސެޓްގައި ހަތަރު ގޭމް އެއްގޭމްގެ ލިޑެއްވެސް ނެގިއެވެ. ނަމަވެސް ޖޯކޮވިޗްވަނީ ފަހަތުން އަރާ ހަމަހަމަކޮށް ޓައިބްރޭކަމަށް ގެންގޮސްފައެވެ. އަދި ޓައި ބްރޭކް ޖޯކޮވިޗް ކާމިޔާބުކުރީ ހަތެއް ފަހަކުންނެވެ.

މިކާމިޔާބީއާއެކު ކުރިއަށް އޮތް ފްރެންޗް އޯޕަންވެސް ކާޟިޔާބު ކުރުން އެންމެ ގާތް ކުޅުންތެރިޔަކަށް މިހާރުވަނީ ޖޯކޮވިޗް ވެގެންގޮސްފައެވެ. އަދި މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ހާމަކުރިގޮތުގައި ރޯލަންދް ގަރޮސްގެ ކުރިން މިއައްވުރެ ރަނގަޅު ކާމިޔާބީއެއް ދެން ނުލިބޭނެކަމަށެވެ. އަދި އެހެންކަމުން ޕެރިހަށް އޭނާ ދާނީ ވަރަށް ބޮޑަށް އިތުބާރާއެކު ތަށި ކާމިޔާބު ކުރާށެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅު ތަކާި ހެދި ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހުނު ޖޯކޮވިޗްއަށް މިހާރު މިވަނީ އަނެއްކާވެސް ހަމައަކަށް އެޅުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. މިއީ އޭނާ އިޓާލިއަން އޯޕަންގެ ތަށި ކާމިޔާބުކުރި ހަވަނަ ފަހަރެވެ.