ކުޅިވަރު

ވެސްޓް ހޭމާ އެއްވަރުވެ ސިޓީއަށް ބޮޑު ޕްރެޝަރެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. އެގޮތުން ފުރަތަމަ ހާފްގައިވެސް ގިނަ ހަމަލާތަކެއް ސިޓީއިން އުފެއްދިއެވެ. ނަމަވެސް ސިޓީއިން މޮޅަށް ކުޅުނު ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާދިނީ ޖެރޮޑް ބޮވެންއެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ވެސްޓް ހޭމްގެ ލީޑު ފުޅާކޮށްދިނީވެސް ބޮވެންއެވެ.

މިލަނޑުތަކާއެކު މި ފަހަރުގެ ލީގު ސިޓީއަތުން ބީވެގެންދިޔައީކަމަށް ގިނަ ބަޔަކަށް ހީވާންފެށިއެވެ. ނަމަވެސް މިމެޗުގެ ދެވަނަ ހާފަށް ސިޓީއިން ނިކުތީ އާހިތްވަރަކާއެކު މެޗްގެ ނަތީޖާ ބަދަލުކޮށްލުމުގެ ވިސްނުމާއެކުއެވެ. މިގޮތުން މެޗްގެ 49 ވަނަ މިނެޓްގައި މިމެޗުގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖެކް ގްރީލިޝް ޖަހާދިނެވެ. އަދި މެޗްގެ 69 ވަނަ މިނެޓްގައި ސިޓީއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ނަމަވެސް މިލަނޑަކީ ވެސްޓް ހޭމްގެ ޑިފެންޑަރ ވްލަޑްމިއަރ ކޮއުފާލްއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުން މޮޅުވުމުގެ ރަނގަޅު ފުރުސަތު ތަކެއް ސިތީއިން ތަނަވަސް ކުރި ނަމަވެސް އެއިސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ. އަދި ހާއްސަކޮށް މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް ލިބުނު ޕެނަލްޓީ ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ސިޓީގެ ރިޔާދު މަހްރެއިޒް ފޮނުވާލި ޕެނަލްޓީ ވަނީ ވެސްޓް ހޭމްގެ ކީޕަރ ލޫކަސް ފަބިއާންސްކީ ދިފާއުކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން ސިޓީއަށް މިހާރުވަނީ ކުޅުނު 37 މެޗުން 90 ޕޮއިންޓް ލިބި ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި ދެވަނައިގާއުޅޭ ލިވަޕޫލް އެއްމެޗް މަދުން ކުޅެ ލިބިފައިވަނީ 86 ޕޮއިންޓެވެ. އަދި ސިޓީއިން އެންމެފަހު މެޗްގައި އެސްޓަން ވިލާ އަތުން މޮޅުވެއްޖެނަމަ ލީގު ކާމިޔާބު ކުރެވިގެންދާނީ ސިޓީއަށެވެ. ނަމަވެސް އެމެޗުންއެއްވަރުވެ ނުވަތަ ބަލިވެ އަދި ލިވަޕޫލް އެޓީމްގެ ފަހު ދެމެޗް ކާމިޔާބުކޮށްފި ނަމަ ލީގު ލިބިގެން ދާނީ ލިވަޕޫލަށެވެ. އަދި ސައުތެމްޕްޓަން އާއި ލިވަޕޫލް ބައްދަލުކުރާ މެޗުން ލިވަޕޫލް ބަލިވެއްޖެ ނަމަ ފަހު މެޗް ނުކުޅެ ސިޓީއަށް ލީގު ކާމިޔާބު ކުރެވިގެން ދާނެއެވެ.