ކުޅިވަރު

އެޓަލާންޓާ ބަލިކޮށް މިލާން ލީގު ކާމިޔާބުކުރުމާ ގާތަށް


އިޓާލިއަން ލީގުގައި އެޓަލާންޓާ ބަލިކޮށް އޭސީ މިލާނުން ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތަށި ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު އެޓާލާންޓާއިން ބޯޅަ ގެންގުޅުނު ނަމަވެސް ދެޓީމަށް ވެސް ހަމަލާ އުފެއްދިފައިވަނީ ހަމަހަމަ ކޮށެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި މިލާންއަށް ކާމިޔާބުކޮށްދިނީ ރަފައެލް ލިއާއޮއެވެ. މިލަނޑާއެކު މިލާންގެ ގޯލަށް އެޓަލާންޓާއިންވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އަދި މިލާނަށް ދެވަނަ ލަނޑު ކާމިޔާބު ކުރެވެން ދެން އެޓީމް ކުޅެމުންދިޔައީ ހާސްކަމެއްގެ ތެރޭގައެވެ.

މިމެޗުގައި މިލާންގެ ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ޖަހާދިނީ ތިއޯ ހެނާންޑޭޒްއެވެ. މިލަނޑާއެކު މިލާންއިން ހަމަޖެހިލިއިރު އެޓަލާންޓާއަށް މިލާންގެ ގޯލު ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. މި ކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ 37 މެޗުން 83 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން އިންޓަ މިލާން އެޓީމު ރޭ ކުޅުނު މެޗް ކާމިޔާބު ކުރުމާއެކު އެޓީމަށް ލިބިފައިވަނީ 81 ޕޮއިންޓެވެ.

އެހެންކަމުން މިހާރު ތަށި ކާމިޔާބު ކުރެވޭނެ ޓީމެއް ޔަގީން ވެގެންދާނީ ފަހު މެޗުންނެވެ. ނަމަވެސް މިވަގުތު އަމިއްލަ ބާރު އޮތީ މިލާން އަތުގައެވެ. އެއީ ސަސުއޮލޯ އާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށްފި ނަމަ ގިނަ އަހަރު ތަކެއްގެ އިންތިޒާރަށްފަހު އިޓާލިއަން ލީގު މިލާނަށް ކާމިޔާބު ވެގެން ދާނެއެވެ. ނަމަވެސް އެމެޗުން ބަލިވެ އިންޓަ ސެމްޕްޑޯރިއާ އާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށްފިނަމަ އިންޓައަށް ތަށި ދިފާއު ކުރެވިގެންދާނެއެވެ. އަދި ސަސުއޮލޯ އާއި މިލާން ބައްދަލުކުރާ މެޗް އެއްވަރު ވި ނަމަވެސް ތަށި ލިބިގެންދާނީ މިލާނަށެވެ. އެއީ މިލާނާއި އިންޓަރގެ ކުރިމަތިލުން ތަކަށް ބަލާއިރު މިލާނަށް ކުރި ލިބޭތީއެވެ.