މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ކޮންސްޓްރަކްޝަން ލޭބަރުންގެ ގޮތަށް މަސައްކަތްކުރުމަށް 120 ދިވެހިން ހޯދަން އިއުލާނު ކޮށްފިއެވެ.
އެމްޓީސީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެކުންފުނީގައި ކޮންސްޓްރަކްޝަން ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ނަގާ މީހުން ވަޒީފާއަށް ނަގާނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް ކަމަށާއި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހުގައި ކަމަށެވެ.
އިއުލާނުގައި ބުނެފައިވަނީ އެ މަގާމުތަކަށް ހޮވޭ މީހުންނަށް މުސާރައާއި އިނާޔަތްތައް ހިމެނޭގޮތަށް 13,700 – 10,300 ރުފިޔާއާ ދެމެދުގެ މުސާރައެއް މަހަކު ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމާއި ސްޓާފް މެޑިކަލް އިންޝުއަރަންސާއި ޕެންޝަން ސްކީމްގެ އިނާޔަތް ލިބޭނެއެވެ.
* އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން
* ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން
* ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތަކީ އެމްޓީސީސީން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި އަމަލީގޮތުން މަސައްކަތްކޮށް ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުންދުވަހަށް ނިންމުން ކަމަށް އެމްޓީސީސީން ބުނެއެވެ.
މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އަދި އައިޑީ ކާޑް ކޮޕީއަކާއިއެކު އެމްޓީސީސީގެ ހުޅުމާލެ ޓާރމިނަލް ގައި މިމަހުގެ 17ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ކުރިޔަށް ގެންދާ އޯޕެން-ޑޭ ގައި ބައިވެރިވުމަށް އެމްޓިސީސީން ކުރި އިއުލާންގައިވެއެވެ.
އެމްޓީސީސީން ބުނީ ވަޒީފާއަށް ހޮވޭނީ ތައުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށެވެ.