ދީން

މިސްކިތްތަކުގެ މުވައްޒަފުން ފެބްރުއަރީގައި މިނިސްޓްރީގެ ދަށަށް !


ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ
އިމާމުންނާއި، މުވައްޒަފުން އަންނަ ފެބުރުއަރީ މަހުގެ ނިޔަލަށް އިސްލާމިކް
މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރުގެ ނާއިބު
މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވީ، ދީނީ އެއްބައިވަންތަކަމުގެ ޤާނޫނަށް
2014 ވަނައަހަރު ގެނެވިފައިވާ އިޞްލާޙާއެކު ރާއްޖޭގެ ހުރިހާ މިސްކިތްތައް
އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ ކަންކަމަށް މަގުފަހިވެފައިވަނީ 2016
ގެ ބަޖެޓްގެ ތެރެއިން ކަމަށެވެ.

މިބަދަލު ގެނައުމާއެކު
ގޮންޖެހުންތަކެއް ކައުންސިލްތަކަށް ހުންނާނެކަމަށް ޤަބޫލްކުރައްވާ ކަމަށާއި،
އަދިވެސް ހުރިހާ މުވައްޒަފުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައި
ނުނިމޭކަމަށެވެ.

ނަމަވެސް އަންނަ ފެބުރުއަރީ
މަހުގެ ނިޔަލަށް މިސްކިތްތަކުގެ ހުރިހާ މުވައްޒަފުން ސިވިލް ސަރވިސް ވިއުގައިގެތެރެއަށް
ބަދަލުކުރައްވައި ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.
މުޞްޠަފާ ވިދާޅުވީ، ކައުންސިލްތަކާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އުފެދުނު
ޚިޔާލުތަފާތުވުން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި،
އެގޮތުން މިސްކިތްތައް ކައުންސިލްތަކުން ބަލަހައްޓަވަމުން ގެންދެވިނަމަވެސް އެކަން
މޮނިޓާކުރައްވާނީ އިސްލާމިކް މިނިސްޓްރީންކަމަށެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 750 މިސްކިތުގައި އަށާރަ ސަތޭކައަށްވުރެ ގިނަ މުވައްޒަފުން
އެބަތިއްބެވެ.