ކުޅިވަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރު ޕްރޮގްރާމެއް ފަށައިފި


ސްޕެޝަލް އޮލިމްކިޕްސް އޮފް މޯލްޑިވްސްގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދާއި، ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްއެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އެއްވެސް ކުއްޖެއް ތަފާތުނުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ ތެރެއިން ފުރުސަތު ހޯދައިދިނުމެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ހިމެނޭ ކުޅިވަރުތަކަކީ ބެޑްމިންޓަން، ފުޓުބޯޅަ، ސްވިމިންގެ އިތުރުން އެތުލެޓިކްސްއެވެ.

މި ހަރަކާތާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ހޯދައިދިނުން އެއީ ބޭނުމެއް ކަމަށާއި، އެހެންކަމުން މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް ކުޅިވަރުގެ މިކަހަލަ ހަރަކާތްތައް ހިންގަމުން ދިޔުން އެއީ ސަރުކާރުން އެދޭ ކަމެއް ކަމަށާއި، މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ ފަރާތުން ކުރާ ބުރަ މަސައްކަތައް ޝުކުރުއަދާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.