ކުޅިވަރު

ޓީނޭޖް ބަލިކޮށް ބައިބަލާ ޗެމްޕިއަންކަން 010 އަށް


ފައިނަލް މެޗުގައި ކުލަބު ޓީނޭޖް ބަލިކޮށް އެމްޓީސީސީ ބައިބަލާ ޗެލެންޖު 1443 ގެ ޗެމްޕިއަންކަން ކުލަބު 010 އިން ހޯދައިފިއެވެ.

ބައިބަލާގެ މަޝްހޫރު ނަމެއްކަމުގައިވާ ޓީނޭޖް މި މުބާރާތުގެ ފައިނަލުގައި ބަލިވި މިއީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން 010 އިން މި މުބާރާތް ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ. އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު 010 އިން ކާމިޔާބުކުރީ ދެ ގޭމު އެއްވަރުވެގެން ކުޅުނު ގަދަ ހިފުމުގެ ދެ ހިފުން ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލަށް 010 އިން ދަތުރުކޮށްފައިވަނީ އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ދެ ގޭމުން ކުރިހޯދައިގެންނެވެ. އަދި މި މުބާރާތުގެ ފައިނަލަށް ޓީނޭޖް ދަތުރުކުރީ ސެމީގައި ދެ ގޭމުން ކުލަބު އީގަލްސް ބަލިކުރުމަށްފަހުގައެވެ.

މި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ކްލަބް ޓީނޭޖުގެ އަލީ ވިދާދުއެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އިބްރާހީމް ޝަމީން، ޓީސީ ސްޕޯޓްސްގެ ހަސަން ތައުހީދް، ޓީނޭޖުގެ ހާމިދު ރަޝީދު، 010 ގެ އަލީ ވިޖުހާން އަދި ޓީނޭޖުގެ އިބްރާހީމް މުޙައްމަދެވެ.

މިއަހަރުގެ މިސްޓަ ބައިބަލާއަކަށް ހޮވިފައިވަނީ ޓީނޭޖުގެ އަސްލަމް ވަހީދެވެ. މިސްޓާ ބައިބަލާއަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި އަހަރުގެ ބައިބަލާ މުބާރާތުގައި 30 ޓީމެއް ވާދަކުރިއިރު، މި މުބާރާތުގެ މެޗުތައް ކުޅެފައިވަނީ ނޮކްއައުޓް އުސޫލުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.