ދުނިޔެ

ޗައިނާގެ ރައީސް ޝީ މިސްރަށް ވަޑައިގެންފި


މިސްރުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ޗައިނާގެ ކުންފުނިތަކުން ބައިވެރިވުމަށް ޗައިނާ ސަރުކާރުން ތާއީދުކޮށް އެހީތެރިވާނޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާޢީލް އާއެކު މިސުރުގެ ވެރިރަށް ޤާހިރާގައި ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކުގައެވެ.ޝީ ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅުގެ ބޭނުމަކީ ދެޤައުމު ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމަށާއި އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިވުމަށް ގިނަ ފުރުޞަތުތަކެއް އެބައޮތް ކަމަށެވެ. އަދި ޗައިނާ އިން ފަށާފައިވާ ސިލްކް ރޫޓާއި ބެލްޓް މަޝްރޫއުގެ ތެރެއިން މި މަސައްކަތްތައް ފަސޭހަކަމާއެކު ފުރިހަމަ ކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ޝީ ވިދާޅުވި އެވެ. އަދި، ދެ ޤައުމު ދެމެދުއޮތް  ޓޫރިޒަމްގެ ގުޅުންތައް އިތުރަށް ތަރައްޤީ ކުރުމަށާއި ދެ ޤައުމުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމާއި މެދުވެސް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ރައިސް ޝީ ވިދާޅުވި އެވެ.މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާޢީލް ވިދާޅުވީ ޗައިނާ އާއި ޔޫރަޕްގެ ވިޔަފާރި ގުޅުވާލުމަށް މިސުރުން އިސް ދައުރެއް އަދާކުރާނޭ ކަމަށެވެ. އަދި، ބައިނަލްއަޤްވާމީ މަޝްރަހުގައި ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.