ޚަބަރު

އިންތިގެ މަރުޙަބާ ފައްޔާޟަށް، ވިދާޅުވީ ދެމިހުންނާނީ އެމްޑީޕީގައިކަމަށް


އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ނާކާމިޔާބީވެވަޑައިގެންނެވި އިމްތިޔާޒް ފަހުމީ ބަލިޤަބޫލުކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެއް އިންތިޚާބު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކާމިޔާބުކުރެއްވީ 58 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. ފައްޔާޟާއި ވާދަކުރެއްވި އިމްތިޔާޒް ފަހްމީއަށް ލިބިވަޑައިގަތީ 42 އިންސަައްތަ ވޯޓެވެ.

އިންތިޚާބަށްފަހު އިމްތިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރ ފައްޔާޟަށް މަރުހަބާ ވިދާޅުވެފައެވެ. އިމްތިޔާޒް ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރުވެރިވާކަމަށެވެ. އަދި މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނަވާނެކަމަށް ވިދާޅުވިއެވެ.

އިމްތިޔާޒުގެ ވާހަކަފުޅުތަކަށް ޝުކުރު ދަންނަވަމުން މިނިސްޓަރ ފައްޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރުކަމަށެވެ. އަދި އިންތިހާބަށް ފަހުގައި ތިބޭނީ އެއްކަށްކަމަށާއި، ޕާޓީ ދާނީ އެކީއެކަށް ކުރިއަށްކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ސަމާލުކަމަށް އައި މި އިންތިޚާބަކީ އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމަށްޓަކައި މުހިންމު އިންތިޚާބެކެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ އިންތިޚާބުތައް ރާވާ އިންތިޒާމްކުރުމާއި، އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުތަކުގެ އިދާރީ ކަންކަން ހިންގެވުމާއި، އެޕާޓީގެ އުސޫލުތައް ރައްކާތެރިކޮށް ދެމެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކޮށް، ޑިމޮކްރަސީގެ މިންގަނޑުތަކާއި ހަމަހަމަކަންމަތީ ޕާޓީ ކުރިއެރުވުމުގެ މަސައްކަތްކުރުންވެސް ޕާޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތުގައި ބަޔާންކޮށްފައިވެއެވެ.

ފައްޔާޟް މީގެކުރިންވެސް ވަނީ މި އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނީ ޕާޓީ ހަރުދަނާކޮށް ސަރުކާރާއެކު 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްކަމަށް ވިދާޅުވެފައެވެ.