ދުނިޔެ

ރެފިއުޖީންނާއި ބެހޭގޮތުން މަރކެލް އާއި ޕާޓީގެ ބައްދަލުވުމެއް


ޖަރުމަނުވިލާތަށް ހިޖުރަކުރާ މީހުންގެ މައްސަލައިގައި އެ ޤައުމުގެ ޗާންސެލަރ އެންގެލާ މަރކެލް އެކަމަނާގެ ޕާޓީ ކްރިސްޓިއަން ސޯޝަލް ޔޫނިއަން - ސީ.އެސް.ޔޫ. ގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ. ސީ.އެސް.ޔޫ. އާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ވެރިއަކަށް ހުންނެވީ ބަވޭރިއާ ސަރަހައްދުގެ ސްޓޭޓް ޕްރެމިއަރ ހޯރްސްޓް ސީހޮފަރއެވެ. ސީހޮފަރ ވަނީ ހިޖުރަކުރާ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަރކެލް އަށާއި ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެޤައުމަށް ހިޖުރަކުރާ މީހުންގެ އަދަދު އެއްމިނެއްގައި ހިފަހައްޓައި، އެޤައުމުގެ ބޯޑަރުތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް ސީހޮފަރ ގޮވާލައްވާފައިވެއެވެ. އޭނާގެ ގޮވާލުންތަކަށް ޖަރުމަނުވިލާތުގެ ގިނަ ބަޔަކު ތާޢީދު ކުރަމުންދާއިރު، ހިޖުރަކުރާ މީހުންގެ ކަންކަން ބެލެހެއްޓުމާއި މައްސަލަތައް ހައްލުކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ހިޖުރަކުރާ މީހުންގެ އަދަދު މަދު ކުރެއްވުމަށް މަރކެލް ވަޢުދު ވެވަޑައިގެންފައިވެއެވެ. ނަމަވެސް، އެ ޤައުމަށް ހިޖުރަކުރާ މީހުންގެ އަދަދު ވަކި މިނެއްގައި ހިފެހެއްޓުމާއި މެދު އަދި މިހާތަނަށް ވަކި ނިންމުމެއް އިޢުލާނު ކުރައްވާފައެއް ނުވެއެވެ.